Last Updated: April 25, 18:52
Thursday, April 25, 2024
ކުޅިވަރު

ޔޫރޯ 2020: އިޓަލީ އަށް އެއްވަނަ، ވޭލްސް ދެވަނަ ބުރަށް

އިޓަލީ އަތުން 1-0 އިން ބަލިވި ނަމަވެސް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރަށް ވޭލްސް ދަތުރުކޮށްފިއެވެ.

ގްރޫޕް އޭގެ ހުރިހާ މެޗެއްގެ ކުޅުން މިރޭ ނިމުނުއިރު މި ގްރޫޕްގެ އެއްވަނަ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ލިބުނު 9 ޕޮއިންޓާ އެކު ހޯދީ އިޓަލީ އެވެ. ދެވަނައިގައި ގްރޫޕް ނިންމި ވޭލްސް އަދި ގްރޫޕްގެ ތިންވަނަ ހޯދި ސްވިޒަލޭންޑަށް ހަތަރު ޕޮއިންޓު ލިބުނުއިރު، ވޭލްސް އަށް ދެވަނަ ލިބުނީ ގޯލުގެ ތަފާތުންނެވެ. ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލަށް ދިޔައީ ތުރުކީއެވެ. ތުރުކީ އަކީ މުބާރާތުން ކެޓި ފުރަތަމަ ޓީމެވެ. ތުރުކީީ މިރޭ ވަނީ ސްވިޒަލޭންޑް އަތުން 3-1 އިން ބަލިވެފައެވެ.

މި ގްރޫޕްގެ ގަދަ ދެ ޓީމުގެ ތެރޭގައި ނުހިމެނުނު ކަމުގައި ވިޔަސް ސްވިޒަލޭންޑަށް އަދިވެސް ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު އެބައޮތެވެ. އެއީ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ.

ވޭލްސް އާއި ދެކޮޅަށް މިރޭ ކުޅުނު މެޗަށް އިޓަލީން ނިކުތީ ގިނަ ބަދަލުތަކާއެކު ކަމަށްވާއިރު، މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 39 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މަޓެއޯ ޕެސިނާއެވެ. މެޗުގެ 55 ވަނަ މިނެޓްގައި ވޭލްސްގެ ޒުވާން މިޑްފީލްޑަރު އީތަން އަމްޕަޑޫ އަށް ދެއްކި ރަތްކާޑާއެކު މެޗުގެ ބާކީބައި ވޭލްސް އިން ފުރިހަމަ ކުރަން ޖެހުނީ 10 ކުޅުންތެރިންނާ އެކުއެވެ.

10 ކުޅުންތެރިންނާއެކު ކުޅުނު ވޭލްސް އަށް މެޗުގެ 76 ވަނަ މިނެޓްގައި ވަނީ ނަތީޖާ އެއްވަރުކޮށްލަން މުޅިން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އިޓަލީގެ ޕެނަލްޓީއޭރިއާ ތެރޭ މުޅިން ހުހަށް ހުރެ ވޭލްސްގެ ގެރެތް ބޭލް ފޮނުވާލި އެ ހަމަލާ ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ.

މިރޭގެ މޮޅާއެކު އިޓަލީން މިހާރު ވަނީ ބަލިނުވެ ޖުމްލަ 30 މެޗު ފުރިހަމަކޮށްފައެވެ. އަދި ގްރޫޕް ސްޓޭޖު އެޓީމު ނިންމާލީ ބައިކޮޅަށް އެންމެ ގޯލެއް ވެސް ވަނަނުދީއެވެ.

މުބާރާތުގެ ދެވަނަ ބުރުގައި އިޓަލީ ބައްދަލުކުރާނީ ގްރޫޕް ސީ އިން ދެވަނަ އަށްދާ ޓީމަކާއެވެ.