Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

އަހުމަދުބެ އަކީ އެމްޑީޕީގެ ވަރުގަދަ އެކްޓިވިސްޓެއް: ނަޝީދު

ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ރޭ އަވަހާރަވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސޯލިހު (އަހުމަދުބެ) އަކީ އެމްޑީޕީގެ ވަރުގަދަ އެކްޓިވިސްޓެއްކަމަށް އެމްޑީޕީގެ ރައީސް އަދި މަޖްލިސްގެ ރައިސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަހުމަދުބެ އަވަހާރަވުމާއި ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަހުމަދުބެ އަކީ، ބުއްދިވެރި އޯގާތެރި އަދި މަޖާ މިޒާޖެއްގެ ގާތް މީހެއް ކަމަށެވެ. އަހުމަދުބެ އަޑުނާހާ އެމްޑީޕީގެ އެންމެ ޖަލްސާއެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ އަރިސް ބޭފުޅެއްކަމުގައިވާ ނަޝީދު ވަނީ އަހުމަދުބެ އަވަހާރަވުމާއި ގުޅިގެން އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ. އަދި އަހުމަދުބެގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވުން އެދި ނަޝީދުވަނީ އެދިވަޑައިގެންފައެވެ.

އަހުމަދުބެ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ރޭ ދުބާއީގައެވެ. އަހުމަދުބެގެ ޖަނާޒާއަށް މިއަދު ހެނދުނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އާއިލާގެ ބޭފުޅުން ވަނީ ދުބާއީއަށް ފުރާވަޑައިގެންފައެވެ.