މިހާރު މީދޫ ބޯޅަ ދަނޑުގައި ކުރިއަށްދާ ގްލޯބަލް ލިންކް ޗެލެންޖްގެ ޗެމްޕިއަން ޓީމަށް ހުށަހަޅާފައިވާ 100،000 (އެއްލައްކަ) ރުފިޔާ 150،000 (އެއްލައްކަ ފަންސާސް ހާސް) ރުފިޔާއަށް ބޮޑުކޮށްފައިވާ ކަމަށް މުބާރާތް ބާއްވާ ގްލޯބަލް ލިންކްގެ ވެރިއާ މުހައްމަދު ޖުނައިދު (ޖުނާ)ވިދާޅުވެއްޖެއެވެ.
މުބާރާތް ރަސްމީކޮށް ހުޅުވުމުގެ ގޮތުން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޖުނާ ވިދާޅުވީ މިމުބާރާތާބެހޭ ޚަބަރު ސަންލޭންޑް ނަޒީރަށް ލިބިގެން މިމުބާރާތަށް ނަޒީރުގެ ފަރާތުން ފަންސާސްހާސް ރުފިޔާގެ އެހީއެއް ލިބިފައިވާކަމަށެވެ. އެހެންވެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ހުށަހަޅާފައިވާ އަގު މިހާރު ބޮޑުކޮށްފައިވާ ކަމަށެވެ.
ޖުނާ ވިދާޅުވީ މި މުބާރާތް މެދު ނުކެޑި ކުރިއަށް ގެންދިއުމަށް ވިސްނާފައިވާ ކަމަށެވެ.
ގްލޯބަލް ލިންކުން އިންތިޒާމް ކުރި ފުރަތަމަ މުބާރާތް މިއަހަރު މާޗް މަހު ވަނީ ހިތަދޫ ޒޯން ސްޓޭޑިއަމްގައި ބާއްވާފައެވެ. މި މުބާރާތުގައި 6 ޓީމަކުން ވާދަކޮށް ޗެމްޕިއަންކަން ހޯދާފައިވަނީ ހިތަދޫ މަލްޓީ ޖީނިއަސްއެވެ.