Last Updated: April 20, 18:41
Saturday, April 20, 2024
ކުޅިވަރު

ޑެމްބެލޭ އަށް ޔޫރޯ ނިމިއްޖެ

އަނިޔާގެ ސަބަބުން ފްރާންސްގެ އޮސްމާން ޑެމްބެލޭ އަށް ޔޫރޯ ފުޓްބޯޅަ މުބާރާތް ނިމިއްޖެއެވެ.

ޑެބްމެލޭގެ ފަޔަށް އަނިޔާވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ފްރާންސް އާއި ހަންގޭރީ ބައްދަލުކޮށް 1-1 އިން އެއްވަރުވި މެޗުގައެވެ. އެ މެޗުގައި ޑެމްބެލޭ ކުޅެން އަރާފައިވަނީ ދެވަނަ ހާފްގައެވެ.

ފްރާންސްގެ ފުޓްބޯޅަ އިދާރާ އިން ބުނީ ޑެމްބެލޭ އަށް ލިބުނު އަނިޔާއާ ގުޅިގެން ޓެސްޓުތަކެއް އިއްޔެ ހަދާފައިވާ ކަމަށާއި އެގޮތުން އެ އަނިޔާ އިން ރަނގަޅުވާން ގިނަ ދުވަސްތަކެއް ނަގާނެތީ އޭނާ އަށް ދެން މިފަހަރުގެ ޔޫރޯގައި ނުކުޅެވޭނެ ކަމަށެވެ.

ޑެމްބެލޭ އަށް އަނިޔާވެ ޔޫރޯ ނިމުނު ނަމަވެސް އެޓީމުގެ އެޓޭކުގައި އަދިވެސް ފާހަގަކޮށްލެވޭ މޮޅެތި ގިނަ ކުޅުންތެރިންތަކެއް އެބަ ތިއްބެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބުދަ ދުވަހުގެރޭ ފްރާންސް ނިކުންނާނީ ޕޯޗުގަލްއާ ދެކޮޅަށެވެ. ފްރާންސްގެ މިވަގުތު އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު ގްރޫޕް އެފްގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް ޖަރުމަނު އަދި ތިންވަނައިގައި އޮތް ޕޯޗުގަލް އަށް ތިން ޕޮއިންޓު ލިބިފައިވާއިރު އެއް ޕޮއިންޓާ އެކު ގްރޫޕްގެ ފުލުގައި އޮތީ ހަންގޭރީ އެވެ.