Last Updated: March 29, 14:00
Friday, March 29, 2024
ކުޅިވަރު

ޔޫރޯ 2020: ނެދަލޭންޑްސް އަށް އެއްވަނަ، އޮސްޓްރިއާ މޮޅުވެ ދެވަނަ ބުރަށް

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ނޯތް މެސެޑޯނިއާގެ މައްޗަށް 3-0 އިން ކުރި ހޯދައި ގްރޫޕްގެ އެއްވަނަ ނެދަލޭންޑްސް އިން ހޯދިއިރު، ޔުކްރޭން 1-0 އިން ބަލިކޮށް މުބާރާތުގެ ދެވަނަ ބުރަށް އޮސްޓްރިއާ ދަތުރުކޮށްފިއެވެ.

ގްރޫޕް ސީގެ ހުރިހާ މެޗެއް ނިމުނުއިރު ނެދަލޭންޑްސް އިން ގްރޫޕްގެ އެއްވަނަ ހޯދީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ލިބުނު 9 ޕޮއިންޓާ އެކުއެވެ. ގްރޫޕްގެ ދެވަނަ އޮސްޓްރިއާ އިން ހޯދީ ހަ ޕޮއިންޓާ އެކު ކަމަށްވާއިރު، ގްރޫޕްގެ ތިންވަނަ ހޯދި ޔުކްރޭނަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލަށް ދިޔައީ ނޯތު މެސެޑޯނިއާއެވެ.

މި ގްރޫޕްގެ ގަދަ ދެ ޓީމުގެ ތެރޭގައި ނުހިމެނުނު ކަމުގައި ވިޔަސް ޔުކްރޭނަށް އަދިވެސް ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު އެބައޮތެވެ. އެއީ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ.

ޔުކްރޭންގެ މައްޗަށް މިރޭ އޮސްޓްރިއާ އިން ކުރި ހޯދިއިރު، މިރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު އޮސްޓްރިއާ އަށް މެޗުގެ 21 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކްރިސްޓޮޕް ބައުމްގާޓްނާއެވެ. އަދި ލީޑު ފުޅާކޮށްލަން ފުރަތަމަ ހާފް ނިމުމުގެ ކުރިން މުޅިން ހުސް ފުރުސަތެއް އޮސްޓްރިއާގެ މާކޯ އަނޯޓޮވިޗް އަށް ލިބި ބޭކާރުވެފައިވެއެވެ.

ޔުކްރޭންގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމަށް ނަތީޖާ އެއްވަރުކޮށްލަން އެންމެ ރަނގަޅު ފުރުސަތެއް ތަނަވަސް ކުރެވުނީ ވެސް މެޗުގެ 87 ވަނަ މިނެޓްގައެވެ. ނަމަވެސް ޔުކްރޭންގެ ޔަރެމްޗުކް ފޮނުވާލި އެ ހަމަލާ ދިޔައީ ގޯލު ކުރިމަތިން ހުރަސް ވެގެންނެވެ.

މިއީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން އޮސްޓްރިއާ ޖާގަ ހޯދި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. މުބާރާތުގެ ދެވަނަ ބުރުގައި އޮސްޓްރިއާ ނިކުންނާނީ އިޓަލީއާ ދެކޮޅަށެވެ.

މި ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރި ނެދަލޭންޑްސް އިން ނޯތު މެސެޑޯނިއާގެ މައްޗަށް ފަސޭހަ މޮޅެއް މިރޭ ހޯދިއިރު އެޓީމުގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ވައިނަލްޑަމް އެވެ. އަނެއް ގޯލު ކާމިޔާބުކޮށްދިނީ މެމްފިސް ޑެޕާއިއެވެ.