Last Updated: April 27, 06:22
Saturday, April 27, 2024
ކުޅިވަރު

ޔޫރޯ 2020: ބެލްޖިއަމް ހުއްޓުމެއް ނެތް، ޑެންމާކް ދެވަނަ ބުރަށް

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ފިންލޭންޑްގެ މައްޗަށް 2-0 އިން ކުރި ހޯދައި ގްރޫޕްގެ އެއްވަނަ ބެލްޖިއަމް އިން ހޯދިއިރު، ރަޝިޔާ 4-1 އިން ބަލިކޮށް މުބާރާތުގެ ދެވަނަ ބުރަށް ޑެންމާކް ދަތުރުކޮށްފިއެވެ.

ގްރޫޕް ބީ ގެ ހުރިހާ މެޗެއް ނިމުނުއިރު ބެލްޖިއަމް އިން ގްރޫޕްގެ އެއްވަނަ ހޯދީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ލިބުނު 9 ޕޮއިންޓާ އެކުއެވެ. ގްރޫޕްގެ ދެވަނަ ހޯދި ޑެންމާކް އަދި ތިންވަނަ ހޯދި ފިންލޭންޑުގެ އިތުރުން ގްރޫޕްގެ ފުލަށް ދިޔަ ރަޝިޔާ އަށް ވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ޑެންމާކަށް ދެވަނަ އަދި ފިންލޭންޑަށް ތިންވަނަ ލިބުނީ ގޯލުގެ ތަފާތުންނެވެ.

މި ގްރޫޕްގެ ގަދަ ދެ ޓީމުގެ ތެރޭގައި ނުހިމެނުނު ކަމުގައި ވިޔަސް ފިންލޭންޑަށް އަދިވެސް ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު އެބައޮތެވެ. އެއީ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ.

ފިންލޭންޑްގެ މައްޗަށް މިރޭ ބެލްޖިއަމް އިން ކުރި ހޯދިއިރު، މިރޭގެ މެޗުގައި ފެނިގެންދިޔަ ދެ ގޯލުގެ ތެރެއިން އެއް ގޯލަކީ ފިންލޭންޑުގެ ކީޕަރު އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އަދި އަނެއް ގޯލު ބެލްޖިއަމް އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ރޮމެލޫ ލުކާކޫއެވެ. މި ގޯލު ޖެހުމުގެ ކުރިން ވެސް ބެލްޖިއަމް އިން ވަނީ ފިންލޭންޑުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ޑެންމާކް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރިއިރު، މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ވެސް ޑެންމާކުންނެވެ. އެގޮތުން މި ގޯލު މެޗުގެ 38 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޑަމްސްގާޑްއެވެ. އަދި މެޗުގެ 59 ވަނަ މިނެޓްގައި ޕޯލްސަން ޑެންމާކުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިންއިރު މެޗުގެ 70 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ޒޫބާ ވަނީ ރަޝިޔާ އަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

ނަމަވެސް އޭގެ 9 މިނެޓްފަހުން އަންދްރޭސް ކްރިސްޓެންސެން ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ ޑެންމާކުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި އޭގެ ތިން މިނެޓްފަހުން ޔޮކީމް ވަނީ ޑެންމާކުގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ.

މިއީ 2004 ވަނަ އަހަރަށްފަހު ޔޫރޯގެ ދެވަނަ ބުރަށް ޑެންމާކު ދަތުރުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ދެވަނަ ބުރުގައި ޑެންމާކް ބައްދަލުކުރާނީ ވޭލްސްއާއެވެ.