Last Updated: April 26, 23:59
Friday, April 26, 2024
ކުޅިވަރު

ޔޫރޯ 2020: އިންގްލޭންޑް އާއި ފްރާންސް ވެސް ދެވަނަ ބުރަށް

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅުނު މެޗުތަކުގެ ނަތީޖާއާއެކު މުބާރާތުގެ ދެވަނަ ބުރަށް އިތުރު ފަސް ޓީމެއް ދަތުރުކޮށްފިއެވެ.

އެގޮތުން މިރޭ ކުޅުނު ގްރޫޕް ބީ އަދި ސީގެ މެޗުތަކުގެ ނަތީޖާ ނިކުތް ގޮތުން މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރި ފަސް ޓީމަކީ ފްރާންސް އާއި އިންގްލޭންޑާއި، ޗެކް ރިޕަބްލިކް އާއި ސްވިޑެންގެ އިތުރުން ސްވިޒަލޭންޑެވެ. އެގޮތުން މި ފަސް ޓީމަށް ވެސް ވަނީ ހަތަރު ޕޮއިންޓު ލިބިފައެވެ.

އެހެންކަމުން މި ޓީމުތައް ގްރޫޕްގެ ގަދަ ދެ ޓީމުގެ ތެރޭގައި ނުހިމެނުނަސް، އެންމެ ދަށްވެގެން ވެސް އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން އަނެއް ބުރަށް ދާނެކަން މިހާރު ވަނީ ޔަގީންވެފައެވެ. މި ޓީމުތަކުގެ ތެރެއިން ސްވިޒަލޭންޑް ވަނީ ގްރޫޕްގެ ހުރިހާ މެޗެއް މިހާރު ކުޅެ ނިމިފައެވެ. މުބާރާތުގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން ތިން ވަނަ އަށްދާ ހަ ގައުމުތަކުގެ ތެރެއިން ގަދަ ހަތަރު ޓީމަކަށް ދެވަނަ ބުރަށް ދެވޭނެއެވެ.

މި ފަސް ޓީމުގެ އިތުރުން ދެން ދެވަނަ ބުރުން މިހާތަނަށް ޖާގަ ކަށަވަރުކޮށްފައިވާ ޓީމުތަކަކީ އިޓަލީ އާއި ބެލްޖިއަމް އާއި އޮސްޓްރިއާ އާއި ވޭލްސްގެ އިތުރުން ނެދަލޭންޑްސް އާއި ޑެންމާކްއެވެ. ދެވަނަ ބުރުން އަދި އިތުރު ފަސް ޓީމަކަށް ޖާގަ ލިބޭނެއެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އެންމެފަހު މެޗުތައް މިހާރު ދަނީ ކުޅެމުންނެވެ. އެގޮތުން މާދަމާ ރޭ ކުޅޭނީ ގްރޫޕް ޑީ އެންމެފަހު މެޗުތަކެވެ.