Last Updated: April 27, 09:06
Saturday, April 27, 2024
ކުޅިވަރު

ޔޫރޯ 2020: އިންގްލޭންޑްގެ ދެ ކުޅުންތެރިއަކު އައިސޮލޭޝަނަށް

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވަމުން ދަނިކޮށް އިންގްލޭންޑްގެ ދެ ކުޅުންތެރިއަކު އައިސޮލޭޝަނުގައި ތިބެން ޖެހިއްޖެއެވެ.

އެގޮތުން އައިސޮލޭޝަނުގައި ތިބެން ޖެހިފައިވަނީ އެޓީމުގެ ޑިފެންޑަރު ބެން ޗިލްވެލް އާއި މިޑްފީލްޑަރު މޭސަން މައުންޓްއެވެ. މި ދެ ކުޅުންތެރިން އައިސޮލޭޝަނުގައި ތިބެން ޖެހުނީ ސްކޮޓްލޭންޑުގެ މިޑްފީލްޑަރު ބިލީ ގިލްމޯ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

މިިދިޔަ ހުކުރު ދުވަހުގެރޭ މުބާރާތުގައި އިންގްލޭންޑާއި ސްކޮޓްލޭންޑް ބައްދަލުކުރިއިރު، މެޗަށްފަހު ޗިލްވެލް އާއި މައުންޓް ވަނީ ގިލްމޯއާއެކު ދަނޑު މަތީގައި އަދި ދަނޑުން ބޭރުގައި ވެސް ވާހަކަ ދައްކަން ގިނަ އިރުތަކެއް ވަންދެން މަޑުކޮށްފައެވެ. ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން މިރޭ ސްކޮޓްލޭންޑުން ކްރޮއޭޝިޔާއާ ދެކޮޅަށް ކުޅޭ މެޗުގައި ގިލްމޯއަށް ނުކުޅެވޭނެއެވެ.

ޗިލްވެލް އާއި މައުންޓް އައިސޮލޭޝަނުގައި ތިބިއިރު، އެ ދެ ކުޅުންތެރިން ވެސް ވަނީ ކޮވިޑަށް ޓެސްޓުކޮށްފައެވެ. ނަމަވެސް އެ ދެ ކުޅުންތެރިންގެ ނަތީޖާ ވެސް ބައްޔަށް ނެގެޓިވް ވެފައިވާއިރު، މިރޭގެ މެޗުގައި އެ ދެ ކުޅުންތެރިން ކުޅޭނެ ކަމާމެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.

އިންގްލޭންޑްގެ ކޯޗު ގެރެތް ސައުތްގޭޓް ބުނީ އެ ދެ ކުޅުންތެރިން މިރޭގެ މެޗުގައި ކުޅުމާމެދު ޝައްކުތަކެއް އެބަހުރި ކަމަށާއި އެކަމާމެދު ގިނަ މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށެވެ. އަދި މިރޭގެ މެޗުގައި ކުޅޭނެ ފުރަތަމަ އެގާރަ އަދި ނުނިންމާ ކަމަށާއި ހުރިހާ ކަމެއްވެސް މިއަދު ހެނދުނު ސާފުވާނެ ކަމަށްވެސް ސައުތްގޭޓް ބުންޏެވެ.

މިރޭގެ މެޗަށް ނިކުންނައިރު އިންގްލޭންޑް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައިވާއިރު، މިރޭގެ މެޗުން މޮޅުވެގެން އިންގްލޭންޑަށް ގްރޫޕް ޑީގެ އެއްވަނަ ކަށަވަރުކުރެވޭނެއެވެ.

އިންގްލޭންޑް އާއި ޗެކް ރިޕަބްލިކް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރުއެވެ.