Last Updated: June 30, 13:05
Tuesday, June 30, 2026
ޚަބަރު

ފަހުމީ ފެއިލްވެ، ހިލްމީ އާއި ޓޮމް ޓިކެޓް ކާމިޔާބްކޮށްފި

އަންނަ ޖެނުއަރީ މަހު 18 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބްގައި އެމްޑީޕީގެ ޓިކެޓް ހޯދުމަށް މިއަދު ބޭއްވި ޕްރައިމަރީގައި ހިތަދޫ ދެކުނު ދާއިރާގެ މިހާރުގެ ކައުންސިލާ ހުސެއިން ފަހުމީ ފެއިލްވެ މެދު ދާއިރާގެ ކައުންސިލަރު ހުސެއިން ހިލްމީ އާއި މަރަދޫ/ މަރަދޫ ފޭދޫ ދާއިރާގެ ޓިކެޓް އަބްދުﷲ ޠޮއްޔިބް (ޓޮމް) ކާމިޔާބް ކޮށްފިއެވެ.

ދެކުނު ދާއިރާއިން ހުސެއިން ފަހުމީ އާއި އެކު ޕްރައިމަރީގައި ވާދަކުރީ ދެކުނު ދާއިރާގެ ނައިބް ރައިސް މުހައްމަދު ޔަސްރިފް އާއި އަވަށު ބޯޑުގެ މެމްބަރު އިބްރާހިމް ޒަރީރްގެ އިތުރުން އިބްރާހިމް ރަޝީދު (އިބްރޭ)އެވެ.

މިދާއިރާގެ ޓިކެޓް ކާމިޔާބް ކުރީ ޔަސްރިފްއެވެ. ޔަސްރިފްއަށް 194 ވޯޓު ލިބުނު އިރު ފަހުމީއަށް ލިބިފައިވަނީ 97 ވޯޓެެ. އިބްރޭއަށް 100 ވޯޓު ލިބުނު އިރު އިބްރާހިމް ޒަރީރުއަށް ލިބިފައިވަނީ 97 ވޯޓެވެ.

ހިތަދޫ މެދު ދާއިރާގެ ޕްރައިމަރީ ހުސެއިން ހިލްމީ ކާމިޔާބް ކޮށްފައިވަނީ 222 ވޯޓުންނެވެ. އޭނާ އާއި ވާދަކުރި އިބްރާހިމް ނަސީމްއަށް ލިބިފައިވަނީ 78 ވޯޓެވެ. އަދި އަލީ އަޝްޖައުއަށް 64 ވޯޓު ލިބުނު އިރު މުހައްމަދު ޒަމަން އަށް ލިބިފައިވަނީ 2 ވޯޓެވެ.

މަރަދޫ/ މަރަދޫ ފޭދޫ ދާއިރާގެ ޓިކެޓް ޓޮމް ކާމިޔާބް ކޮށްފައިވަނީ 282 ވޯޓުންނެވެ. ޓޮމް އާއި ވާދަކުރި ލަބީގް (ލަބޭ)އަށް ލިބިފައިވަނީ 148 ވޯޓެވެ.

ފޭދޫ ދާއިރާގެ ޓިކެޓް ކާމިޔާބް ކޮށްފައިވަނީ އަބްދުﷲ އަސްވާންއެވެ. އަސްވާންއަށް ލިބިފައިވަނީ 155 ވޯޓްއެވެ. އެދައިރާއިން ދެން ވާދަކުރި އަލީ ފަހުމީއަށް 71 ވޯޓު ލިބުނު އިރު އަވަށު ބޯޑުގެ ނައިބް ރައީސާ ހައްވާ ޒީނަތުއަށް ލިބިފައިވަނީ 67 ވޯޓެވެ. ސިޔާހް އަބްދުﷲ އަށް 42 ވޯޓު ލިބުނު އިރު މަރިޔަމް މުނާއަށް ލިބިފައިވަނީ 21 ވޯޓެވެ. 19 ވޯޓުން އެންމެ ދަށް ނަތީޖާއެއް ހޯދާފައިވަނީ އަހްމަދު މުންތަޤިމްއެވެ.

ހުޅުމީދޫ ދާއިރާގެ ޕްރައިމަރީގައި އަވަށު ބޯޑުގެ ރައިސް އިބްރާހިމް ދީދީ (ޒުބައިރުގެ އިބްރޭ) އާއި ނައިބް ރައީސް އަލީ މުހައްމަދު ވާދަކޮށް 349 ވޯޓުން ކާމިޔާބް ކުރީ އަލީ މުހައްމަދު އެވެ. އިބްރޭއަށް މުޅިއެކު ލިބިފައިވަނީ 77 ވޯޓެވެ.

އައްޑޫގެ 6 ގޮޑީގެ ތެރެއިން ޕްރައިމަރީ ނުބާއްވަނީ އުތުރު ދާއިރާގައި އެކަނިއެވެ. އެދާއިރާއަށް ކުރިމަތިލާފައިވަނީ މިހާރުވެސް އެދައޮރާ ތަމްސީލުކުރައްވާ އައްޑޫގެ މޭޔަރ އަބްދުﷲ ސާދިގް (ސޯބެ)އެވެ.

ކައުންސިލްގައި ކުރިން ތިބި ކައުންސިލަރުންގެ ތެރެއިން ޕްރައިމަރީގައި ވާދަ ނުކުރަނީ ފޭދޫ ދާއިރާގެ ކައުންސިލަރު އަހްމަދު މިރްޒާދު އާއި ހުޅުމީދޫ ދާއިރާގެ ހަސަން ޝާހިދުއެވެ.