ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުގެ ގޮތުގައި ކުރިން ބޭނުންކުރަމުންދިޔަ ތީމުގެ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަދަލުވެވަޑައިގަތުމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މަޖިލީހުގައި ދެއްކެވި ވާހަކަފުޅަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ފާޑުވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އުއްތަމަފަނޑިޔާރަށް ރސްމީ ގެކޮޅޫ ހަމަޖެއްސުމުގެ ބިލުތަކުގެ ރިޕޯޓް އިއްޔަގެ މަޖިލީހަށް ހުށަހަޅުއްވާ ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވެފައިވަނީ ތީމުގެ ބިނާކުރި ދުވަސްވަރު އެކަމަށް ވަރަށް ގިނަ ފާޑުކިޔަމުން ދިޔަ ނަމަވެސް މިއަދު ރަނގަޅަށް ވިސްްނައިލުމުން، އޭރުގެ ރައީސް މައުމޫންގެ އެނިންމެވުން ރަނގަޅުކަން އެނގޭ ކަަމަށެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ތީމުގެއަށް ބަދަލުވުމަށް ކަމާ ބެހޭ ފަރާތްތަކުން ކުރަން ޖެހޭ ކަންތައްތައް ކުރުމަކީ އެއީ މުހިއްމު ކަމެއް ކަމުގައި ދެކޭކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމްގެ ވާހަކަތަކަށް ރައްދު ދެއްވާ ދޮންބިލެތް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ތީމުގެ ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ގެކަމަށް ހަމަޖެއްސުމަށް ގޮވާލުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ.
"ހެޑްލައިން ހަދަން މިކަހަލަ ވާހަކަ ދެއްކުން ހުއްޓާލަންޖެހޭ." ދޮންބިލެތް ވިދާޅުވިއެވެ.
ތީމުގެއަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި، ދައުލަތުގެ އެންމެ އިސްވެރިޔާ ހުންނެވުމަށް އިމާރާތްކުރި ތަނެކެވެ. ތީމުގެ މިހާރު ބޭނުންކުރަނީ ސުޕްރީމް ކޯޓު އަދި ހައިކޯޓު ހިންގެވުމަށެވެ.