Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ނަފްރަތުގެ އަމަލުގެ ކުށުގެ އިސްލާހަށް އިސްލާމިކް މިނިސްޓްރީގެ ލަފާ ފޮނުވައިފި

ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ޤާނޫނުލްއުޤޫބާތަށް ގެނެސްފައިވާ އިސްލާހަށް އިސްލާމިކް މިނިސްޓްރީގެ ރައުޔު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހަށް އިސްލާމިކް މިނިސްޓްރީގެ ރައުޔު ހޯދުމަށް މަޖިލީހުން ހުށަހަޅާފައިވާކަމަށެވެ. އެކަމާ ގުޅިގެން ބައެއް ދީނީ އިލްމުވެރިންނާއި ޤާނޫނީ ވަކީލުންނާއި މަޝްވަރާ ކުރުމަށްފަހު އެ ބިލު ފާސްވެގެން އަންނައިރު ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތަށް ބުރޫއަރާ ރާއްޖޭގައި އިސްލާމްދީނުގެ ދައުވަތު ފުޅާކުރުމަށް ހީނަރުކަމެއް ނާންނާނެގޮތަކަށް ފަރުމާ ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ.

އެގޮތުން އިސްލާމިކް މިނިސްޓްރީގެ ރައުޔު ބިނާކޮށްފައިވާނީ މައިގަނޑު ތިން ކަމެއްގެ މައްޗަށް ރިއާޔަތް ކުރެވިގެން ކަމަށް ނޫސްބަޔާނުގައި ބުނެފައިވެއެވެ. އެއީ އިސްލާމް ދީނުގެ ނަމުގައި މީހުންގެ އަބުރާއި މުދަލާއި ފުރާނަޔަށް ގެއްލުންލިބުމަށް މަގުފަހިވާފަދަ ކުށްތައް މަނާކުރުމާއި، އިސްލާމް ދީނުގެ ދައުލަތު ފެތުރުމާއި ހެޔޮކަންކަމަށް ގޮވާލުމާއި ނުބައިކަންކަން ނަހީކުރުމުގެ މަތިވެރި ވާޖިބަށް ހުރަސްއެޅިދާނެފަދަ މާއްދާތައް އިސްލާހު ކުރުމާއި، އިސްލާމް ދީނާ ދެކޮޅަށް ހިންގޭ ނަފްރަތުގެ އަމަލުތައް އެ ބިލުގައި ހިމެނުމުގެ މައްޗަށް ކަމަށް އިސްލާމިކް މިނިސްޓްރީގެ ނޫސްބަޔާނުގައިވެއެވެ.

"މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް އިސްލާމްދީނާ ދެކޮޅަށް ހިންގޭނަފުރަތުގެ އަމަލުތައް އިތުރުވަމުންދާ ދުވަސްވަރެއްގައި ނަފުރަތުގެ ކުށް ބަޔާންކޮށް ޤާނޫނެއް ވުޖޫދު ކުރެވޭހިނދު އިސްލާމްދިނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އެ ޤާނޫނުގައި ހިމެނުމަކީ ކޮންމެހެން މުހިންމު ކަމެއްކަމުގައި މި މިނިސްޓްރީން ދެކެމެވެ." އިސްލާމިކް މިނިސްޓްރީގެ ނޫސްބަޔާނުގައިވެއެވެ.

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ނޫސްބަޔާނުގައި ބުނެފައިވަނީ މުޖުތަމައުގެ ފަރުދުންގެ މެދުގައި ނަފުރަތާއި ރުޅިވެރިކަން އެފެއްދުމާއި، ތިމާއާއި ދެބަސްވާ ކޮންމެ މުސްލިމަކު ކާފަރުކުރުމާއި އިސްލާމްދީނުގެ އިލްމުވެރިންނާއި އެނޫންވެސް މުސްލިމުންގެ ބޮލުގައި ދޮގުއިލްޒާމު އެޅުވުމާއި އެކިބާވަތުގެ ވާދަވެރިކަމުގައި ފިތުނަފަސާދަ އާއި ނަފުރަތުގެ އަމަލުތައް ހިންގުމަކީ އިސްލާމްދީން މަނާ ކުރާ ކަންކަންކަމަށާއި އެކަމަށް ތަރުހީބު ނުދޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

އަދި އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ އިސްލާމް ދީނާ ގުޅުންހުރި މިފަދަ މުހިންމު ބިލެއް ފާސްކޮށް ގާނޫނަކަށް ވެގެން އަންނައިރު އިލްމުވެރިންގެ ލަފާފުޅަށް ބިނާކޮށް މިނިސްޓްރީން ހުށަހެޅި ހުރިހާ އިސްލާހުތައް އޭގައި ހިމަނުއްވާނެކަމަށް ޔަގީންކުރާކަމަށެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހަކީ "ނަފްރަތުގެ އަމަލު ހިިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހެކެވެ. އިސްލާހުގައި، އެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ (i) ގައި ވަނީ އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމަކީ ކުށެއްކަމަށެވެ. އަދި އިސްލާހުގެ (1) ވަނަ ނަންބަރުގެ (ii) ގައި ވަނީ، އިސްލާމީ އަޤީދާއާ ގުޅުވާ މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމަކީ ކުށެއްކަމަށެވެ.

ހުށަހަޅާފައިވާ އިސްލާހުގެ 3 އަދި 4 ވަނަ ނަމްބަރުގައި ވަނީ، އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުމާއި، އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރުމަކީ ކުށެއްކަމަށެވެ.