Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

އަލީ ވަހީދު ރާއްޖޭން ބޭރުގައި ބަހައްޓައިގެން ޝަރީއަތް ކުރާތީ ޝަމީމް ނުރުހުންފާޅުކޮށްފި

ހުސައިން ޝަމީމް --

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރުގައި ބަހައްޓައިގެން ކްރިމިނަލް ކޯޓުން ޝަރީއަތް ކުރިއަށްގެންދާތީ ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ނުރުހުން ފާޅުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ ނިންމުމަށް ފާޑުވިދާޅުވެ ޕީޖީ ޝަމީމް ޓްވީޓް ކުރައްވާފައިވަނީ ވަކިފަރާތެއްގެ ނަން ނުޖަހައެވެ.

އެގޮތުން ޝަމީމްގެ ޓްވީޓްގައި ވަނީ "ރިހާކުރުފުޅި ވަގަށް ނެގި މީހާ"ގެ މައްސަލައިގައި، އޭނާ ކޯޓަށް ހާޒރުކޮށް ޝަރީއަތް ކޮށްފައި، އެހެން މީހަކު ވީމާ، ރާއްޖޭގެ އިޚްތިސާސް ނުހިނގާ ތަނެއްގައި، ސުޕްރީމް ކޯޓުގެ ގަވައިދާ ޚިލާފަށް ޝަރީއަތް ކުރުން ރަނގަޅު ނޫންކަމަށެވެ. އަދި އެއީ ޤާނޫނުއަސާސީގެ 19 ވަނަ މާއްދާގައި ބުނާ ހަމަނޫން ކަމަށްވެސް ޝަމީމް ވިދާޅުވެފައިވެއެވެ.

އަލީ ވަހީދުގެ މައްސަލައިގައި އިއްޔަ ކްރިމިނަލް ކޯޓުގައި ޝަރީއަތެއްވެސް ވަނި ކުރިއަށްގެންގޮސްފައެވެ. ސިއްރުން ކުރިއަށްގެންދިޔަ މި އަޑުއެހުމުގައި އަލީ ވަހީދު ޝަރީއަތުގައި ބައިވެރިވެފައިވަނީ އޮންލައިންކޮށް އިނގިރޭސި ވިލާތުގެ ލަންޑަނުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގައި ހުންނަވައިގެންނެވެ. އިއްޔަގެ އަޑުއެހުމުގައި ޕީޖީ އޮފީހުގެ ފަރާތުން ވަކާލާތު ކުރައްވާފައިވަނީ ޕީޖީ ޝަމީމް ކަމަށްވެސް މައުލޫމާތު ލިބެއެވެ. އަދި އަލީ ވަހީދު ރާއްޖެއިން ބޭރުގައި ބަހަައްޓައިގެން ޝަރީއަތްކުރާތީ އެކަމުގެ ނުރުހުން އިއްޔަގެ ޝަރީއަތުގެ މަޖިލީހުގައި ޝަމީމް ފާޅުކޮށްފައިވާކަމަށް ވެސް މައުލޫމާތުލިބެއެވެ.

އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ޝަމީމްވަނީ އަލީ ވަހީދުގެ މައްސަލައިގައި އޭނާ ރާއްޖެއިން ބޭރުގައި ރާއްޖޭގެ އިހްތިސާސް ނުހިނގާ ތަނެއްގައި ބަހައްޓައިގެން ޝަރީއަތް ކުރުން ހަމަޖެހޭ ކަމަކަށް ނުވާނެކަމަށް ވިދާޅުވެފައެވެ.