ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ކުރިއަށްގެންދަވާ ގާޒީ ހަސަން ސައީދު ތަކުރާރުކޮށް ގާނޫނާ ހިލާފުވާއިރުވެސް އޭނާގެ މައްސަލަ ނުބަލާތީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ފާޑުވިދާޅުވެއްޖެއެވެ.
ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވި އަލީ ވަހީދުގެ މައްޗަށް ދައުވާ އުފުލާފައިވަނިކޮށް އޭނާގެ ޕާސްޕޯޓު ހިފަހައްޓަން ކުރި އަމުރު ކްރިމިނަލް ކޯޓުން ބާތިލުކުރުމާއެކު އޭނާ ވަނީ ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައެވެ. އެ އަމުރު ބާތިލުކުރީ ވެސް ގާޒީ ހަސަން ސައީދު އެވެ.
އެ އަމުރު ބާތިލުކުރި މައްސަލައާ ގުޅިގެން ޖޭއެސްސީން އަންނަނީ ގާޒީ ހަސަން ސައީދުގެ މައްސަލަ ބަލަމުންނެވެ. ޖޭއެސްސީން އެ މައްސަލަ ބެލުމަށް މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް ތަހުގީގު ކޮމިޓީއެއް އެކުލަވާލާފައެވެ. އެ މައްސަލަ އަދިވެސް ބަލާ ނިމިފައި ނުވާއިރު ކްރިމިނަލް ކޯޓުގައި އަލީ ވަހީދުގެ މައްސަލަތައް މިހާރުވެސް ކުރިއަށް ގެންދަވަނީ ގާޒީ ހަސަން އެވެ.
އެކަމާ ގުޅިގެން އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަލީ ވަހީދު ފުރުވާލީ ވެސް ގާނޫނާ ހިލާފަށް ކަމަށާއި މިހާރު ޝަރީއަތް ވެސް ކުރިއަށް ގެންދަނީ ގާނޫނާ ހިލާފަށް ކަމަށެވެ.
"އެއް ގާޒީއެއް ތަކުރާރުކޮށް ގާނޫނާ ހިލާފަށް ކަންކަން ކުރަމުންދާއިރުވެސް މިގާޒީގެ މައްސަލަ ޖޭއެސްސީއަށް ވެސް ބެލޭ ކަމަކަށް ނުވި. ސިޔާސީ ފަރާތްތަކުގެ ނުފޫޒު ޖުޑީޝަރީގައި އޮތްހާ ދުވަހަކު އިންސާފު ގާއިމެއް ނުކުރެވޭނެ" އުޝާމް ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް އަލީ ވަހީދުގެ ޝަރީއަތް ކުރިއަށްގެންދާއިރު ޕީޖީ އޮފީހުން ވަނީ އަލީ ވަހީދު ރާއްޖެއިން ބޭރުގައި ބަހައްޓައިގެން ޝަރީއަތް ކުރިއަށް ގެންނަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ.
އަލީ ވަހީދުގެ މައްސަލައިގައި އިއްޔެ ޝަރީއަތެއް ކުރިއަށް ގެންދިޔަ ނަމަވެސް އެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު ކޮށްގެނެވެ.
އެ އަޑުއެހުމާއި ގުޅޭގޮތުން ޕީޖީ އޮފީހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، އެ އަޑުއެހުމުގައި ޢަލީ ވަހިދު ބައިވެރިވެފައިވަނީ ކޮންތަނެއްކަން ނޭނގޭ ތަނެއްގައި ހުރެ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށްކަމަށެވެ. މައްސަލައިގެ އަޑުއެހުން ފެށުމާއެކު، ކުށުގެ ތުހުމަތުކުރެވޭ މީހާ ދިވެހިރާއްޖޭގެ ޖޫރިސްޑިކްޝަނުން ބޭރުގައި ހުރެ ޝަރީއަތުގައި ބައިވެރިވާކަމަށް ބެލެވޭތީ ދައުލަތުން އެ ކަމަށް އިއުތިރާޟުކޮށް، އެކަން ވެފައިވާގޮތް ސާފުކުރުމަށް ޝަރީއަތާ ސުވާލު ކުރިމަތިކުރުވި ކަމަށް ބަޔާނުގައިވެއެވެ.
"ރާއްޖޭގެ ޤާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ މައްސަލައެއްގެ ޝަރީޢަތުގެ އަޑުއެހުމެއް ބޭއްވި މިއީ ފުރަތަމަ ފަހަރެވެ. މިއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނު ދަންނަކަމެއް ނޫނެވެ. އެހެންކަމުން އެގޮތަށް ޝަރީޢަތް ކުރިއަށް ނުގެންދެވޭނަކަމަށް ބުނެ ދައުލަތުން އިޢުތިރާޟުކުރީމެވެ." ޕީޖީގެ ބަޔާނުގައިވެއެވެ.
އެހެންނަމަވެސް ޖަވާބުގައި މައްސަލަ ބައްލަވާ ޤާޒީ ހަސަން ސައީދު ވިދާޅުވެފައިވަނީ އެކަމަށް ކޯޓުން ގޮތެއް ކަނޑައަޅާފައިވާކަމަށާއި، އެކަމާ ގުޅިގެން އިތުރަށް ބަހުސް ނުކުރެވޭނެކަމަށެވެ.