އައްޑޫ ސިޓީ ކައުންސިލާއި އެމްއެންޑީއެފް ސަދަންއޭރިޔާގެ ފަޔަރ އެންޑް ރެސްކިޔު ގުޅިގެން ވޮލަންޓްރީ ފަޔާ ފައިޓަރުން ތަމްރީނުކުރުމުގެ ޕްރާގްރާމެއް ޑިސެމްބަރމަހުގެ ތިންވަނަ ހަފްތާގައި ހުޅުމީދޫގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ކައުންސިލުން ބުނެފިއެވެ.
ކައުންސިލުން ބުނީ އައްޑޫއަކީ ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ސަރަޙައްދަށްވެފައި މިސިޓީގައި އަލިފާނާ ގުޅިގެން ހިގާ އެކިއެކި ހާދިސާތަކުގެ ރިކޯޑަށް ބަލާއިރު އެއްދުވަހުން އަނެއްދުވަހަށް މިފަދަ ހާދިޘާތައް ގިނަވެ އޭގެ ނުރައްކާތެރިކަން އިތުރުވަމުންދާކަމަށެވެ.
އަދި މިފަދަ ކޮންމެ ހާދިސާއެއް ކޮންޓްރޯލް ކުރުމުގައި ގުދުރަތީގޮތުން މިރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތުން ބަލާއިރު އެފަދަ ހާދިިސާތަކުން ރައްޔިތުން ސަލާމަށް ކުރުމަށްޓަކައި އެންމެ އެދެވޭ ގޮތެއްގައި މަސައްކަތް ކުރުމަށްޓަކައި ލިބިފައިވާ އިންސާނީ އަދި އެހެނިހެން ވަސީލަތްތަށް މަދުވުމަކީ މިކަމަށް ދިމާވެފައިވާ ވަރަށްބޮޑު ގޮންޖެހުމެއް ކަމަށެވެ.
ކައުންސިލުން ބުނީ މިކަން ކަމަށް ހައްލެއް ހޯދުމުގެ ގޮތުން ހުޅުމީދޫގައި ބާއްވާ ތަމްރީނުތަކުގައި 15 އާއި 30 ދެމެދުގެ އަދަދެއްގެ ބޭފުޅުން ތަމްރީނުކުރުމަށް ވަނީ ނިންމާފައިވާ ކަމަށެވެ..