Last Updated: April 23, 12:16
Tuesday, April 23, 2024
ޚަބަރު

މާލޭގެ ކާފިއު ވަގުތު ހަވީރު 6 އިން ފަތިހު 4 އަށް ކުރުކޮށްފި

މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ކާފިއު ވަގުތު ހަވީރު 6 އިން ފަތިހު 4 އަށް ކުރުކޮށްފިއެވެ.

މިހާރު މާލެ ސަރަަހައްދުގައި ކާފިއު ހިންގަނީ ކޮންމެ ދުވަހެއްގެ ހަވީރު 4 އިން ފަތިހު 4 އަށެވެ.

މާދަމާ އިން ފެށިގެން ކާފިއު އަށް ލުޔެއް ދިން ނަމަވެސް ކާފިއު ނޫން ވަގުތުތަކުގައި އަދިވެސް ބޭރުގައި އުޅެވެނީ ފުލުހުން ދޫކޮށްފައިވާ ފާސް އޮންނަ މީހުންނަށް އެކަންޏެވެ.

ކޮވިޑާ ގުޅިގެން އަޅާ ފިޔަވަޅުތަކަށް އިތުރަށްދިން ލުޔަކީ ޖިމްތައް ހުޅުވުމަށް ދިން ފުރުސަތެވެ. އެގޮތުން ޖިމްތައް ފަތިހު 5:00 އިން އިރުއޮއްސި 6:00 އާ ހަމައަށް ހުޅުވުމުގެ ހުއްދަ ދިނުމަށްވަނީ ނިންމާފައެވެ.

މީގެއިތުރުން އަތޮޅުތަކުގެ އެއްރަށުން އަނެއްރަށަށް ނުދެވޭނެހެން މިހާރު އޮތްއޮތުން ނިމުމަކަށް ގެނެސް ކޯވިޑްގެ ކޭސްތައް ފެނި މޮނީޓަރިންގެ ޙާލަތުގައި ނެތް ރަށްރަށަށް އެރަށެއްގެ ކައުންސިލްގެ ހުއްދައާއެކު ދެވޭނެ ފުރުސަތު މިހާރުވަނީ ދީފައެވެ.

ކޮވިޑް ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅުތަކާ ގުޅިގެން ރާއްޖެއިން ކޮވިޑް ކޭސްތައް ފެންނަ ނިސްބަތް ވަނީ ބޮޑުތަނުން މަދުވެފައެވެ. އެގޮތުން މިއަދު ރާއްޖެއިން ޕޮޒިޓިވް ވެފައިވަނީ 145 މީހުންނެވެ. އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 61 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށް ކަމަށެވެ. އަދި އަތޮޅުތެރެއިން 77 ކޭސް ފެނިފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 72،294 އަށް އަރާފައެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 4569 ކޭސް އެވެ.