Last Updated: June 30, 13:05
Tuesday, June 30, 2026
ޚަބަރު

އައްޑޫގެ ކަރަންޓަށް ހައްލެއް ހޯދާނަން – ނިމާލް

ފެނަކައިގެ ކުރީގެ އިސްވެރިން

އައްޑޫގެ ކަރަންޓަށް ދިމާވެފައިވާ މައްސަލައަށް ވަރަށް އަވަހަށް ހައްލެއް ހޯދާނެކަމަށް ދެވަނަ ފަހަރަށް ފެނަކަ ކޯޕަރެޝަންގެ މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަން ކުރި މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.

ނިމާލް ވިދާޅުވީ އައްޑޫގެ ކަރަންޓް ހާލަތު ރަނގަޅުކުރުމަށް ކުރިން ހުރި އިރުވެސް ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ. އެގޮތުން 1.2 މެގަ ވޯޓް އިންޖީނެއް އައްޑޫއަށް ގަތުމަށް މަސައްކަތް ކުރިކަަމަށެވެ. އެގޮތުން އިންޖީނު ގަތުމަށް ބިޑިން މަރުހަލާ އާއި ހަމައަށް މަސައްކަތް ކޮށްފައިވާ ކަމަށް ނިމާލް ވިދާޅުވިއެވެ.

އައްޑޫގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރާނެކަމަށް ނިމާލް ބުނެފައިވާ އިރު 800 ކިލޯ ވޯޓު އިންޖީނެއް އައްޑޫއަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ޓީވީ މުއާ ވަނީ ބުނެފައެވެ.

އައްޑޫ މަރުކަޒީ އިންޖީނުގޭގެ ބައެއް އިންޖީނުތައް މަރާމާތު ނުކުރެވި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން ދޭތެރެ ދޭތެރެއިން މައްސަލަ ދިމާވެ ގިނަ އިރު ކަރަންޓް ކަޑާލަންޖެހުން ވަނީ އާއްމުކަމަކަށް ވެފައެވެ.

އަދި އައްޑޫގެ އިންޖީނުގެ ތަކުން ލިބޭ ފައިސާއިން ފެނަކަ ކޯޕަރޭޝަންގެ ގިނަ އިންޖީނުތަކަށް ހަރަދު ކުރާކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފެނަކައަށް ފާޑުކިޔާފައެވެ.