Last Updated: April 23, 14:18
Tuesday, April 23, 2024
ކުޅިވަރު

ސްޕެއިން ކެޓިޔަސް މަގާމުން އިސްތިއުފާ ނުދޭނަން: އެންރީކޭ

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން ސްޕެއިން ކެޓިޔަސް މަގާމުން އިސްތިއުފާ ނުދޭނެ ކަމަށް އެޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ސްޕެއިން އިން މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު، އެޓީމު އޮތީ ދެ ޕޮއިންޓާ އެކު ގްރޫޕް އީގެ ތިންވަނައިގައެވެ. މި ގްރޫޕްގެ ތިންވަނައިގައި ތިން ޕޮއިންޓާ އެކު ސްލޮވާކިޔާ އޮތްއިރު އެއްވަނައިގައި ހަތަރު ޕޮއިންޓާއެކު އޮތީ ސްވިޑެން އެވެ. އަދި އެއް ޕޮއިންޓާ އެކު ގްރޫޕްގެ ފުލުގައި އޮތީ ޕޮލެންޑެވެ.

ގްރޫޕްގެ ފަހު މެޗުގައި މިރޭ ސްލޮވާކިޔާއާ ދެކޮޅަށް ސްޕެއިން ނިކުންނައިރު، މި މެޗުން މޮޅުވެގެން އެޓީމަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކުރެވޭނެއެވެ. މުބާރާތުގެ އަނެއް ބުރަށް ދިޔުމަށް ސްލޮވާކިޔާ އަށް މިރޭގެ މެޗުން ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.

ޕްރެޝަރު ބޮޑު މެޗަކާއި ސްޕެއިނުން މިރޭ ކުރިމަތިލާއިރު، މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންމެ ގިނަ ސުވާލުތަކެއް އަމާޒުވީ އެންރީކޭގެ ކުރިމަގާ މެދުއެވެ. އެގޮތުން މުބާރާތުގެ ގްރޫޕް ސްޓޭޖުން ސްޕެއިން ކަޓައިފިނަމަ މަގާމު ދޫކޮށްލާނަންތޯ ކުރި ސުވާލެއްގެ ޖަވާބުގައި އެންރީކޭ ބުނީ އެއީ ވިސްނުމުގައި ހުރި ކަމެއް ވެސް ނޫން ކަމަށެވެ.

"އަހަރެންގެ ވިސްނުން ހުރީ ކޮންޓްރެކްޓް އާކުރުމަށް" އެންރީކޭ ބުންޏެވެ.

އެންރިކޭ ބުނީ މިރޭގެ މެޗަށް ނިކުންނަނީ ވަޒީފާ ސަލާމަތް ކުރުމަށް ނޫން ކަމަށާއި ހުރިހާ ވިސްނުމެއް ވެސް ހުރީ އޭނާ ކޮންޓްރޯލްގެ ދަށުގައިވާ ކަންކަން ކުރުމަށް ކަމަށެވެ. އެގޮތުން އެ ކަންކަމަކީ ކުޅުންތެރިން މޯޓިވޭޓްކޮށް ކުޅުންތެރިންގެ ފަރާތުން އެންމެ ރަނގަޅު ކުޅުން ނެރުން ކަމަށާއި ސްޕެއިނަށް މިދިޔަ ދެ މެޗުގައި ވެސް މަދުވީ ލިބުނު ފުރުސަތުތައް ނިންމާލުން ކަމަށްވެސް އެންރީކޭ ބުންޏެވެ.

އަދި ޕޮއިންޓެއް ހޯދައިގެން ސްލޮވާކިޔާ އަށް އަނެއް ބުރަށް ދެވޭތީ އެޓީމުން މިރޭ ކުޅޭނީ ވަރަށް ޑިފެންސިވްކޮށް ކަމަށާއި އުއްމީދަކީ މެޗުގެ ކުރީކޮޅު ގޯލެއް ކާމިޔާބު ކުރުން ކަމަށްވެސް އެންރީކޭ ބުންޏެވެ.

ސްޕެއިން އާއި ސްލޮވާކިޔާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 9 ޖަހާއިރުއެވެ.