މަރާލާފައި އޮތްވާ ފެނުނު އުމުރުން 13 އަހަރުގެ މުހައްމަދު ރާއިފްގެ މަރަށް އިންސާފު ހޯދުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާނެވެ. މި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފައިވަނީ 44 މެމްބަރުންގެ ވޯޓުންނެވެ.
ފިރުޝާންގެ ކުއްލި މައްސަލައިގައި ބުނެފައިވަނީ، ރާއިފަކީ ޖެންޑާ މިނިސްޓްރީން އެހީތެރިކަން ފޯރު ކޮށްދެމުން އައި ކުއްޖަކަށް ވެފައި އެކަމުގައި އިހުމާލެއްވޭތޯ ބަލަންޖެހޭކަމަށެވެ.
އަދި އެފަދަ މައްސަލަތަކުގެ އަސްލު ދެނެގަނެ އެކަންކަން ނުހިނގާނެ ގޮތަށް ކަންތައްތައް ރާވަންޖެހޭކަމަށާއި، އަދި ވީހާވެސް އަވަހަށް ރާއިފްއަށް އިންސާފު ހޯދައިދޭން ޖެހޭކަމަށެވެ.
ރާއިފްގެ މަރުގެ މައްސަލައިގައި 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރެއިން 17 އަހަރުގެ ކުއްޖާގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު 27 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.