ނުވަ ރަށެއްގެ އަންހެންނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮގަސްޓް ހަތް ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ.
އީސީން ބުނެފައިވަނީ އޮގަސްޓްގައި އިންތިހާބު ބާއްވަނީ އިންތިޚާބު ކުރަން ޖެހޭ އަދަދަށް ވުރެ މަދުން މީހުން ކުރިމަތިލާފައިވާ ރަށްރަށާއި އެއްވެސް މީހަކު ކުރިމަތިލާފައި ނުވާ ރަށްރަށުގެ އިތުރުން، ވޯޓު އެއްވަރު ވުމުން ބާއްވަން ޖެހޭ ދެވަނަ ބުރާއި، މަގާމު ހުސްވުމުން ބާއްވަން ޖެހޭ ބައި-އިލެކްޝަނެވެ.
އިންތިހާބު ބޭއްވުމަށް ނިންމާފައިވާ ރަށްރަށަކީ ހދ. ނޮޅިވަރަމް (އިންތިޚާބު ކުރަނީ 1 މެންބަރެއް)، ހދ. ނޭކުރެންދޫ (އިންތީޚާބު ކުރަނީ 2 މެންބަރެއް)، ބ. ފުޅަދޫ (އިންތިޚާބު ކުރަނީ 1 މެންބަރެއް)، ކ. ދިއްފުށީ (އިންތިޚާބު ކުރަނީ 1 މެންބަރެއް)، އއ. ފެރިދޫ (އިންތިޚާބު ކުރަނީ 4 މެންބަރެއް)، ވ. ރަކީދޫ (އިންތިޚާބު ކުރަނީ 5 މެންބަރުން)، މ. ރަތްމަންދޫ (އިންތިޚާބު ކުރަނީ 5 މެންބަރުން)، ނ. މަގޫދޫ (އިންތިޚާބު ކުރަނީ 1 މެންބަރެއް) އަދި ލ. މާބައިދޫ (އިންތިޚާބު ކުރަނީ 1 މެންބަރެއް)ކެވެ.
މި ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން ޖުލައި މަހުގެ އަށްވަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ނިޔަލަށެވެ.
އީސީން ބުނެފައިވަނީ މި ރަށްރަށުގައި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ ހަތްވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 3:00 އަށްކަމަށާއި، ވޯޓު ގުނަން ފަށާނީ ވޯޓަ ނަގާ ނިމޭތާ 30 މިނެޓް ފަހުން ކަމަށެވެ.