ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގައި އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް މަޖިލީހުން ކުރިއަށްގެންދާ ޕާލިމެންޓަރީ އިންކުއަރީގައި ރައީސް މުހައްމަދު ނަޝީދަށް ފަރުވާދިން އޭޑީކޭގެ ޑޮކްޓަރުންނާއި ބައްދަލުކުރުމަށް ނިންމައިފިއެވެ.
ޕާލިމެންޓަރީ އިންކުއަރީ ކުރިއަށްގެންދާ 241 ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، މިހާރު ކުރިއަށްދަނި ކޮމިޓީގެ ރިޕޯޓް ތައްޔާރު ކުރުމުގެ މަސައްކަތް ކަމަށެވެ.
އަސްލަމް ވިދާޅުވީ އިންކުއަރީގައި ސުވާލު ކުރަންޖެހޭ ކަންކަން ގާތްގަނޑަކަށް ނިމިފައިވާކަމަށެވެ. އެގޮތުން އެމްއެންޑީއެފްގެ 32 އޮފިސަރަކާއި ޕޮލިސްގެ ފަސް ބޭފުޅަކާ ބައްދަލުކޮށްފައިވާކަމަށް ވިދާޅުވިއެވެ. އަދި ޑިފެންސް، ހޯމް އަދި ހައުސިން މިނިސްޓަރާވެސް ބައްދަލުކޮށްފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އެމްއެމްއޭގެ އިސް ފަރާތްތަކާވެސް ބައްދަލުކޮށްފައިވާކަމަށް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ އޭޑީކޭގައި ރައިސް ނަޝީދަށް ފަރުވާދިން ޑޮކްޓަރުންގެ ޓީމާވެސް ބައްދަލުކުރުމަށް ކޮމިޓީން ނިންމާ އެކަމުގައި ވަގުތެއް ހޯދުމަށް އެދިފައިވާކަމަށެވެ. އަސްލަމް ވިދާޅުވީ ޑޮކްޓަރުންނާއި ބައްދަލުކުރަނީ ހަމަލާއަށްފަހު ދެން ކަންހިނގާދިޔަގޮތް ވީހާވެސް ތަފްސީލުކޮށް އަދި ރަސްމީކޮށް އެބޭފުޅުންގެ ފަރާތުން ހޯދުމަށް ކަމަށެވެ. އެބޭފުޅުންނާ ބައްދަލުކުރަނީ ތުހުމަތެއް ކުރެވިގެން ނޫންކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. އަދި ޑޮކްޓަރުން ކުރެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވާފައިވެއެވެ.
މީގެއިތުރުން މިކަމުގައި ރައީސްގެ ހާއްސަ މަންދޫބު އައްބާސް ފާއިޒްއާ މިއަދު ބައްދަލުކުރާނެ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.
އިތުރު ތަފްސީލު އަންނަނީ–