ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގައި އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް މަޖިލީހުން ކުރިއަށްގެންދާ ޕާލިމެންޓަރީ އިންކުއަރީގައި ކޮމިޓީގެ ރޫހު ހުރީ ހާމަކުރެވެން އޮތް އެންމެ ފުޅާ މިނުގައި މައުލޫމާތުތައް ހާމަކުރުމަށް ކަމަސް އެ ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
241 ކޮމިޓީން މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، އެ ކޮމިޓީގެ ރިޕޯޓް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދަމުން އަންނައިރު، ރިޕޯޓް ނިންމާލުމަށް އަދި ހަފްތާއެއް ބޭނުންވާނެކަމަށެވެ. މަސައްކަތް ކުރަމުން އަންނަނީ މިމަހުގެ ނިޔަލަށް ނިންމާލުމަށް ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ކޮމިޓީގެ ރިޕޯޓް އެކުލަވާލާނީ އެއްކުރެވުނު މައުލޫމާތުތަކުގެ އަލީގައި ކަމަށާއި އަދި ކޮމިޓީގެ ރިޕޯޓް އާންމު ކުރާނެކަމަށެވެ. ކޮމިޓީއަށް އެއްކުރެވުނު ބައެއް މައުލޫމާތު ތަކުގެ ތެރޭގައި ގައުމީ ސަލާމަތާ ގުޅުންހުރި ބައެއް މައުލޫމާތު ހުރުން އެކަށީގެންވާކަން ފާހަގަކޮށް އަސްލަމް ވިދާޅުވީ އެ މައުލޫމާތުތައްވެސް ހާމަކުރެވެން އޮތް މިންވަރަކަށް ހާމަކުރުމާ މެދު ކޮމިޓީގެ މެމްބަރުން މަޝްވަރާ ކޮށްފައިވާކަމަށާއި، އެހެންނަމަވެސް ގޮތެއް ނިންމާފައިނުވާކަމަށެވެ. އެގޮތުން އެފަދަ މައުލޫމާތު ހަމައެކަނި ރައިސުލްޖުމްހުރިއްޔާ، މަޖިލީހުގެ ރައީސް އަދި އުއްތަމަފަނޑިޔާރަށް ހިއްސާ ކުރުންފަދަ ގޮތެއްވެސް ހެދުމާމެދެވެސް މަޝްވަރާ ކޮށްފައިވާކަމަށެވެ.
އަސްލަމް ވިދާޅުވީ ކޮމިޓީގެ ރޫހު ހުރީ މައުލޫމާތު ހާމަކުރުވެން އޮތް އެންމެ ފުޅާކޮށް މައުލޫމާތު ހާމަކުރުމަށް ކަމަށެވެ. އަދި އެގޮތުގެ މަތިން ފާސްކުރެވޭ ރިޕޯޓެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އަސްލަމް ވިދާޅުވިއެވެ.