Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ސްޓިމިއުލަސް ސްކީމްގެ ދަށުން 2 ލޯނެއް ތައާރަފްކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ހީނަރުކަމުން ވިޔަފާރިތަކަށް އެހީތެރިވުމަށް ސަރުކާރުން ސްޓިމިއުލަސް ސްކީމްގެ ދަށުން 2 ލޯނެއް ތައާރަފްކޮށްފިއެވެ.

އެގޮތުން ސަރުކާރުން ތައާރަފް ކޮށްފައިވަނީ އިކޮނޮމިކް ސްޓިމިއުލަސް ލޯނާއި، އިކޮނޮމިކް ސަސްޓެއިނަބަލް ލޯނެވެ.

ފިނޭންސް މިނިސްޓްރީއާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ތައާރަފް ކޮށްފައިވާ މި ލޯންތަކަކީ ކޮވިޑް-19އާ ގުޅިގެން ވިޔަފާރިތަކަށް މާލީގޮތުން ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ތައާރަފުކުރާ ދެ ލޯން ސްކީމެވެ.

ސްޓިމިއުލަސް ލޯނަށް ފިނޭންސް މިނިސްޓްރީން ވަނީ 20 މިލިއަން ޔޫރޯ ޚާއްޞަކޮށްފައެވެ. މި ސްކީމްގެ ދަށުން އެންމެ ގިނަވެގެން ދޫކުރާނީ ކޮންމެ ފަރާތަކަށް ގިނަވެގެން 10 މިލިއަން ރުފިޔާއެވެ. މި ލޯނު ދެއްކުމަށް 4 އަހަރު ދުވަސް ލިބޭއިރު މި ސްކީމްގެ ދަށުން ދޫކުރާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓަކީ 6 އިންސައްތައެވެ.

ދެ ވަނައަށް ސަރުކާރުން ތައާރަފްކުރި ކޮވިޑް-19 ސަސްޓެއިނެބަލް ސްޓިމިއުލަސް ލޯނަކީ ކޮވިޑް – 19 ގެ ޙާލާތާ ގުޅިގެން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީގޮތުން ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ހާއްސަކޮށްފައިވާ ލޯނެކެވެ. މި ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ މިހާރު ހިނގަމުންދާ ވިޔަފާރިތަކުގެ ތެރެއިން ކެފޭ/ރެސްޓޯރަންޓް، ޖިމް، ސެލޫން އަދި ގެސްޓްހައުސް ވިޔަފާރި ހިންގާ ފަރާތްތަކަށެވެ. ލޯނުގެ ގޮތުގައި ގިނަވެގެން ދޫކުރާނީ 1 މިލިއަން ރުފިޔާއެވެ. އިންޓަރެސްޓްގެ ގޮތުގައި އަހަރަކު 6 އިންސައްތަ ދައްކަންޖެހޭއިރު ލޯނު އަނބުރާ ދައްކަން 5 އަހަރާއި 8 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.

މިލޯން ސްކީމާއި ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވީ، މި ލޯނުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މިހާރު ހުރި ވިޔަފާރިތައް ކުރިއަށްގެންދިއުމަށް ލޯނު ދިނުމަށްކަމަށެވެ. އޭގެތެރޭގައި ކެފޭތަކާއި ސެލޫންތަކާއި ރެސްޓޯރަންޓްތައް ހިމެނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ލޯންތަކާއި ގުޅޭގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، މި ލޯނުގެ ދަށުން 375 މިލިއަން ރުފިޔާގެ ލޯނު ދޫކުރެވިގެންދާނެކަމަށެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް ނުދެކޭފަދަ އިންޓްރެސްޓް ރޭޓުވެސް ކުޑަ ގްރޭސްޕީރިއަޑްވެސް ބޮޑު ލުއިލޯނެއްގެ ގޮތުގައި ފާހަގަ ކުރެއްވިއެވެ.