5-0 އިން ސްލޮވާކިޔާ ބަލިކުރުމަށްފަހު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރަށް ސްޕެއިން ދަތުރުކޮށްފިއެވެ.
ގްރޫޕް އީގެ ހުރިހާ މެޗެއް މިހާރު ކުޅެ ނިމިފައިވާއިރު ސްޕެއިން ދެވަނަ ބުރަށް ދަތުރުކުރީ ފަސް ޕޮއިންޓާ އެކު ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. މި ގްރޫޕްގެ އެއްވަނަ ހޯދި ސްވިޑެން އިން ވަނީ ހަތް ޕޮއިންޓު ހޯދާފައެވެ. ގްރޫޕްގެ ތިންވަނަ އަށް ދިޔަ ސްލޮވާކިޔާ އަށް ތިން ޕޮއިންޓު ލިބުނުއިރު ގްރޫޕްގެ ފުލަށްދިޔަ ޕޮލެންޑަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ.
ސްޕެއިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 12 ވަނަ މިނެޓްގައި އެޓީމަށް ވަނީ ލީޑު ނަގަން ޕެނަލްޓީއެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އަލްވަރޯ މޮރާޓާ ފޮނުވާލި އެ ޕެނަލްޓީ ސްލޮވާކިޔާގެ ގޯލްކީޕަރު ޑުބްރޯކާ ވަނީ މަތަކޮށްފައެވެ.
އެ ޕެނަލްޓީ ކާމިޔާބު ނުކުރެވުނު ނަމަވެސް މެޗުގެ 30 ވަނަ މިނެޓްގައި ސްޕެއިން އިން ލީޑު ނެގިއިރު އެ ގޯލަކީ ސްލޮވާކިޔާގެ ކީޕަރު އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން އަޔަމެރިކް ލަޕޯޓް ވަނީ ސްޕެއިންގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.
ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ސްޕެއިން އިން ނިންމާލިއިރު މެޗުގެ 56 ވަނަ މިނެޓްގައި ސަރާބިޔާ ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މެޗުގެ 67 ވަނަ މިނެޓްގައި ފެރަން ޓޮރޭސް ސްޕެއިންގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިންއިރު ސްޕެއިންގެ ފަސްވަނަ ގޯލަކީ މެޗުގެ 71 ވަނަ މިނެޓްގައި ސްލޮވާކިޔާގެ ޑިފެންޑަރެއް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
މުބާރާތުގެ ދެވަނަ ބުރުގައި ސްޕެއިން ބައްދަލުކުރާނީ ގްރޫޕް ޑީގެ ދެވަނަ މަގާމު ހޯދި ކްރޮއޭޝިޔާއާއެވެ.
މި ގްރޫޕްގައި މިރޭ ސްވިޑެން އާއި ޕޮލެންޑް ބައްދަލުކުރި މެޗު 3-2 އިން ކާމިޔާބުކޮށްފައިވަނީ ސްވިޑެން އިންނެވެ. އެގޮތުން މި މެޗުގައި ސްވިޑެން އިން ކާމިޔާބުކުރި ތިން ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ފޯސްބާގްއެވެ. އަނެއް ގޯލު ކާމިޔާބުކޮށްދިނީ ކްލާސަންއެވެ. ޕޮލެންޑުގެ ދެ ގޯލުވެސް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ރޮބަޓް ލެވެންޑޯސްކީ އެވެ.