Last Updated: July 22, 13:36
Wednesday, July 22, 2026
ކުޅިވަރު

ޔޫރޯ 2020: ފްރާންސް، ޕޯޗުގަލް އަދި ޖަރުމަނު އަނެއް ބުރަށް

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ 2-2 އިން ޕޯޗުގަލް އާއި ފްރާންސް ކުޅުނު މެޗު އެއްވަރުވެ އެ ދެ ޓީމު އަނެއް ބުރަށް ދަތުރުކުރިއިރު، ހަންގޭރީއާ 2-2 އިން އެއްވަރުކޮށް ޖަރުމަނު ވެސް އަނެއް ބުރަށް ދަތުރުކޮށްފިއެވެ.

ގްރޫޕް އެފްގެ ހުރިހާ މެޗެއް މިރޭ ކުޅެ ނިމިފައިވާއިރު، މި ގްރޫޕްގެ އެއްވަނަ ފަސް ޕޮއިންޓާއެކު ހޯދީ ފްރާންސް އެވެ. ދެވަނަ ހޯދި ޖަރުމަނު އަދި ތިންވަނަ ހޯދި ޕޯޗުގަލް އަށް ހަތަރު ޕޮއިންޓު ލިބުނުއިރު، ޖަރުމަނަށް ކުރި ލިބުނީ ގޯލުގެ ތަފާތުންނެވެ. ޕޯޗުގަލް އަނެއް ބުރަށް ދިޔައީ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަަނަ ޓީމުތަކުގެ ތެރެއިންނެވެ. އެންމެ ފުލަށް ދިޔަ ހަންގޭރީ އަށް ތިން މެޗުން ދެ ޕޮއިންޓް ލިބުނުއިރު އެ ޓީމު ވަނީ ކަޓާފައެވެ.

ފްރާންސް އަނެއް ބުރުގައި ކުޅޭނީ ސްވިޒަލެންޑާ އެވެ. ޖަރުމަނު ނިކުންނާނީ އިންގްލޭންޑާއި ދެކޮޅަށެވެ.
އަދި ޕޯޗުގަލް އަނެއް ބުރުގައި ބައްދަލުކުރަން ޖެހޭނީ ބެލްޖިއަމްއާ އެވެ.

ހަންގޭރީގައި މިރޭ ޕޯޗުގަލް އާއި ފްރާންސް ބައްދަލުކުރި ފޯރިގަދަ މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ޕޯޗުގަލް އިންނެވެ. އެގޮތުން މެޗުގެ 30 ވަނަ މިނެޓްގައި މި ޕެނަލްޓީ ޕޯޗުގަލް އަށް ލިބުނީ ފްރާންސްގެ ކީޕަރު ލޮރިސް ޕޯޗުގަލްގެ ޑެނީލޯ އަށް ކުރި ފައުލަކާ ގުޅިގެންނެވެ. މި ފައުލާ ގުޅިގެން ލިބުނު ޕެނަލްޓީ ޕޯޗުގަލް އަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ޕޯޗުގަލް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމެންދަނިކޮށް، ހާފްގެ ފަހު މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކަރީމް ބެންޒެމާ ވަނީ ފްރާންސް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި ޕެނަލްޓީ ފްރާންސް އަށް ލިބުނީ ކިލިއަން އެމްބާޕޭ އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ ދެވަނަ ހާފްގެ ކުރީކޮޅު ބެންޒެމާ ވަނީ އަލުން ފްރާންސް އަށް ލީޑު ނަގާދީފައެވެ. ނަމަވެސް ޕޯޗުގަލް އަށް ލިބުނު އިތުރު ޕެނަލްޓީ އަކުން ރޮނާލްޑޯ ވަނީ އެޓީމަށް އަލުން ނަތީޖާ އެއްވަރުކޮށްދީފައެވެ.

ފްރާންސަށް އަލުން ލީޑު ނަގައިދޭން މެޗުގެ 67 ވަނަ މިނިޓްގައި އޭރި އާބޭރުން ޕޮގްބާ ޖެހި ބޯޅަ ޕޯޗުގަލްގެ ކީޕަރު ރުއީ ޕެޓްރީޝިއޯ ވަނީ މަތަކޮށްފަ އެވެ. އަދި އޭގެފަހުން ގްރީޒްމަން ފޮނުވާލި ހަމަލާވެސް ޕެޓްރީޝިއޯ ވަނީ މަތަކޮށް ބޭރުކޮށްލާފައެވެ.

މި ގްރޫޕްގައި މިރޭ ޖަރުމަނާއި ހަންގޭރީ ބައްދަލުކުރި މެޗު އެއްވަރުވިއިރު، މި މެޗުގައި ހަންގޭރީގެ ދެ ގޯލު ކާމިޔާބުކޮށްދިނީ ޒަލާއި އާއި އަންދްރެސް އެވެ. ޖަރުމަނުގެ ދެ ގޯލު ކާމިޔާބުކޮށްދިނީ ކައި ހަވެޓްޒް އާއި ގޮރެޓްޒްކާއެވެ.