ޖީންސީ ގޯނާ ކުރުމުގެ ތުހުމަތު ކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓަަށް އަނެއްކާވެސް ހުށަހަޅައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ހޯދުމަށް ފުލުހުން ކޯޓަށް ހުށަހަޅާފައިވަނީ ޕީޖީ އޮފީހުގެ އެދުމުގެ މަތިންނެވެ.
އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާގައި އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ފުރަތަމަވެސް ދީފައިވެއެވެ. އެހެންނަމަވެސް ފަހުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ފުރުސަތަކަށް އެދުމުން ކޯޓުން ވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ޖާމިނުކޮށް އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށް ބޭސްފަރުވާއަށް ދިއުމުގެ ފުރުސަތު ދީފައެވެ.
އެ މައްސަލަ ޕީޖީގެ ފަރާތުން ހައިކޯޓު އަދި ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއިރު، ޣައިރު ހާޒިރުގައި އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އެ ދެ ކޯޓުން ވެސް މައްސަލަ ބޭރުކޮށްލީއެވެ.
އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި ހުރުމަށް ކޯޓުން ދިން މުއްދަތު މިހާރު ހަމަވެފައިވާއިރު ބޭސްފަރުވާ ނުނިމޭތީ ބޭރުގައި ހުރުމުގެ ފުރުސަތު ކޯޓުން ވަނީ ދީފައެވެ. އަދި އަލީ ވަހީދު ރާއްޖެއިން ބޭރުގައި ހުރެގެން އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިއުމުގެ ފުރުސަތުވެސް ކޯޓުން ވަނީ ދީފައެވެ. އަދި ކޯޓުގެ އެ ނިންމުން އިސްތިއުނާފު ކުރުމަށް ދައުލަތުން ނިންމާ އެކަން ހާމަކޮށްފައިވެއެވެ.