Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

މަރަދޫފޭދޫ ކޯޓުގެ އިސް މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަނީ

ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އިބްރާހިމް ނަފީސް ހުސައިންގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ޖޭއެސްސީން ބުނެފައިވަނީ، ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރި މީހެއް ބަންދުން ދޫކޮށްލުމަށް ސ.މަރަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމުމުން، އެ މައްސަލަ އިސްތިއުނާފް ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެކޯޓުން ކަނޑައެޅި ގޮތުގެމަތިން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ބަންދު މުރާޖަޢާކޮށްދެއްވުމަށް ސ.މަރަދޫ މެޖިސްޓްރޭޓް ކޯޓުގައި އެދުމުން، އެހުށަހެޅުން ބަލައިނުގަނެ އެކި ފަހަރު މަތިން އެދުމުންވެސް އެ ހުށަހެޅުމާމެދު ގޮތެއް ނިންމާފައިނުވާކަމަށް ބުނާ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައިވާކަމަށެވެ.

އަދި އެކަމުގައި ސ.މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ނަފީސް ޢަމަލު ކުރައްވާފައިވާ ގޮތާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައެއް ތަޙްޤީޤް ކުރުމަށް 2021 ޖޫން 23 ވަނަ ދުވަހު ބޭއްވި މި ކޮމިޝަނުގެ މިއަހަރުގެ 49 ވަނަ ޖަލްސާއިން ނިންމައިފައި ވާކަމަށް ޖޭއެސްސީން ބުނެފައިވެއެވެ. އަދި މި މައްސަލަ ތަޙްޤީޤް ކުރުމަށް ތަޙްޤީޤް ކޮމިޓީއެއްވެސް އެކުލަވާލާފައިވާ ކަމަށް ބުނެފައިވެއެވެ.