އައްޑޫސިޓީ ހިތަދޫ ފިޔަވާ އެހެން ރަށްތަކުގެ ކާފިއު އުވާލައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ސޮއި ކޮށް އައްޑޫސިޓީ ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، ހިތަދޫ ފިޔަވާ ދެން ހުރި ރަށްތައް ކަމަށްވާ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ކާފިއު މިއަދުން ފެށިގެން ނިމުމަކަށް ގެނެސްފައިވާކަމަށެވެ.
ހިތަދޫއިން އިއްޔަވެސް ހަތް މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވެއެވެ. މީގެތެރޭގައި ހިމެނެނީ ހަ ޑައިރެކްޓް ކޮންޓެކްޓަކާއި ރެންޑަމް ސާމްޕަލް އަކުން ޕޮޒިޓިވްވި މީހެއް ކަމަށް އެ ސެންޓަރުން ބުނެއެވެ.
އަންގާރަ ދުވަހުވެސް ހިތަދޫއިން ހަ މީހުން ޕޮޒިޓިވް ވެފައިވެއެވެ. ހިތަދޫގެ ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު، ހިތަދޫގައި އިއުލާންކޮށްފައިވާ ކާފިއުގެ މުއްދަތު މިހާރު ވަނީ ހަވީރު ހަތަރަކުން ހެނދުނު އަށަކަށް އިތުރުކޮށްފައެވެ. އަދި ފުލުހުން ދޫކުރާ ހާއްސަ ހުއްދަ ނެތި އާންމުން ގެއިން ބޭރަށް ނިކުތުން ވެސް މިހާރު ވަނީ މަނާކޮށްފައެވެ.