ޔޫއެފާގެ ކްލަބު މުބާރާތްތަކުގައި ބޭނުން ކުރަމުން އަންނަ އަވޭ ގޯލު އުސޫލު އުވާލަން ޔޫއެފާގެ އެގްޒެކެޓިވް ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މި އުސޫލު އުވާލަން ޔޫއެފާގެ އެގްޒެކެޓިވް ކޮމިޓީ އަށް ލަފާދީފައިވަނީ، އެ އިދާރާގެ ކްލަބް ކްލަބް ކޮމްޕެޓިޝަން އާއި ޔޫއެފާގެ އަންހެނުންގެ ފުޓްބޯޅައިގެ ކޮމިޓީންނެވެ. އެގޮތުން މި ނިންމުމަށް އަންނަ ސީޒަނުން ފެށިގެން އަމަލުކުރަން ފެށުމަށް ވަނީ ނިންމާފައެވެ.
މި ނިންމުމާއެކު ޗެމްޕިއަންސް ލީގާއި، ޔޫރޮޕާ ލީގު އަދި ޔޫރޮޕާ ކޮންފަރެންސް ލީގުގައި އަވޭ ގޯލު އުސޫލަށް ދެން ނުބަލާނެއެވެ.
އަވޭ ގޯލަކީ ދެ ލެގުގެ މެޗުތަކުގައި ނަތީޖާ ކަނޑައެޅުމަށް ބަލާ އުސޫލެކެވެ. އެގޮތުން އެ އުސޫލުގެ ދަށުން ރަށުން ބޭރުގައި ޖަހާ ގޯލުގެ ބުރަދަން އަމިއްލަ ދަނޑުގައި ޖަހާ ގޯލަށް ވުރެ ބޮޑެވެ. މިއީ 1965 ވަނަ އަހަރުގެ ޔުއެފާ ކަޕްވިނާސްކަޕުން ފެށިގެން އަމަލުކުރަމުން އަންނަ އުސޫލެކެވެ.
މި އުސޫލު އުވާލުމުން ދެން ބަލާނީ ދެ ލެގުގެ އެގްރިގޭޓް ނަތީޖާ އަށް އެކަންޏެވެ. އަދި އެގްރިގޭޓް ނަތީޖާ އެއްވަރުވެފައިވާނަމަ ދެން ކުޅޭނީ އިތުރު ވަގުތުގެ 15 މިނެޓްގެ ދެ ހާފްއެވެ. އެ ދެ ހާފުން ވެސް ނަތީޖާ އަށް ބަދަލެއް އައިސްފައިނުވާމަ ދެން ދާނީ ޕެނަލްޓީއަށެވެ.
އަވޭ ގޯލުގެ އުސޫލުގެ ސަބަބުން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޔުވެންޓަސް އާއި ބަޔާން މިއުނިކް ވަނީ ކަޓާފައެވެ.
ޔޫއެފާގެ ކްލަބު މުބާރާތްތަކުގައި އަވޭ ގޯލުގެ ބޭނުން ހިފުމާ މެދު ދެވަނަ ވިސްނުމަކަށް ދިއުމަށް ޔޫރަޕުގެ މަތީ ފަންތީގެ ކޯޗުން މީގެކުރިން ވެސް ވަނީ ޔޫއެފާގައި އެދިފައެވެ.