މި މަހުގެ 7 ވަނަ ދުވަހު ފުވައްމުލަކަށް ޒިޔާރަތްކުރާ ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން، އަޖޭ އަދި ކާޖޮލް އާއި ބައްދަލުކޮށް ފޮޓޯ ނަގަން ބޭނުންވެފައި ތިބި ހުޅުމީދޫގެ ރައްޔިތުންނަށް ފުވައްމުލަކަށް ދެވޭނެ ހާއްސަ ދަތުރުތަކެއް މިދޫ ޗާމިން ޓްރެވެލްސްގެ ފަރާތުން އިންތިޒާމްކޮށްފިއެވެ.
ޗާމިން ޓްރެވެލްސްއިން ބުނީ އެ ދެތަރިންނާއި ބައްދަލުކޮށްލުމަށް ދާން ތިބި ފަރާތްތަކަށް ބާއްވާ ދަތުރު ހަމަޖެހިފައިވަނީ 7 ވަނަ ދުވަހު މެންދުރު 2 ޖަހާއިރު މީދޫ ބަނދަރުންނެވެ. އަދި އެނބުރި މީދޫއަށް އައުމަށް ހަަމޖެހިފައިވަނީ 9 ވަނަ ދުވަހުއެވެ.
ޗާމިންއިން ބުނީ މި ދަތުރުގެ ދެކޮޅު އަގެއް ގޮތުން ހަމަޖައްސާފައިވަނީ 375 ރުފިޔާއެވެ. އަދި ދަތުރާއި ގުޅޭ ގޮތުން ބޭނުންވާ މައުލޫމާތު 7943884 ލިބޭނެކަމަށެވެ.
އަޖޭ އާއި ކާޖޮލް ފުވައްމުލަކަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ އެއިޑްސް ދުވަސް ފާހަނގަ ކުރުމަށް ބާއްވާ ރަސްމިއްޔާތެއްގައި ބައިވެރިވުމަށެވެ. އެގޮތުން ދަތުރު ކުރިން ޝެޑިއުލް ކޮށްފައިވަނީ މިމަހުގެ 1 ވަނަ ދުވަހަށެވެ. ނަމަވެސް އެ ދެތަރިންނާއި އެކު ބައްވާން ހަމަޖެއްސި ޝޯވްއަކަށް ބޭނުންވާ ލައިޓް ނުލިބިގެން ދަތުރު މިމަހުގެ 7 އަށް ވަނީ ލަސްކޮށްފައެވެ.
އަޖޭ އާއި ކާޖޮލް އާއި ބައްދަލުކޮށް އެދެތަރިން ދެކިލުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ފުވައްމުލަކަށް މީހުން ޒިޔާރަތް ކުރަމުން އަންނަކަމަށް މި އިވެންޓް އިންތިޒާމް ކުރާ ފަރާތުން ވަނީ ބުނެފައެވެ.