Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

އިސްލާމްދީނުގައި އަންހެން ކުދިން ހިތާނު ކުރުމެއް ނޯވޭ: މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް - ފޮޓޯ: މިހާރު

އިސްލާމްދީނުގައި އަންހެންކުދިން ހިތާނު ކުރުމަކީ އޮންނަ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމްދީނުގައި ޚިތާން ކުރުން ޝަރްޢު ކުރައްވާފައިވަނީ ހަމައެކަނި ފިރިހެން ކުދިންނަށް ކަމަށާއި އަންހެންކުދިން ޚިތާން ކުރުމަކީ އޮންނަ ކަމެއް ނޫން ކަމަށެވެ.

"ޚިތާން ކުރުމުގެ ނަމުގައި އަންހެން ކުދިންގެ ޖިންސީ ގުނަވަނަށް ގެއްލުން ދިނުމަކީ ލާއިސްލާމީ ނާތަހުޒީބީ ޢަމަލެއް" މައުމޫން ވިދާޅުވިއެވެ.

މައުމޫން މިހެން ވިދާޅުވެފައިމިވަނީ އަންހެން ކުދިން ހިތާނުކުރުމަށް ހިތްވަރުދޭ ކަމަށް ބުނެ ޑރ. މުހައްމަދު އިޔާޒްގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވައްދާފައިވާ ދަނޑިވަޅެއްގައެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްއެވެ.

މީކާއިލް މަޖިލީހަށް ހުށަހަށާފައިވާ މައްސަލައިގައި ބުނެފައިވަނީ، ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެސިސްޓަންޓް ޕްރޮފެސަރ ޑރ. މުޙައްމަދު އިޔާޒު، އަންހެނުން ހިތާނުކުރުމުގެ ނަމުގައި ހިންގާ، "ފީމޭލް ޖެނިޓަލް މިއުޓިލޭޝަން" (އެފްޖީއެމް) ފަދަ ނުރައްކާތެރި އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް މުއައްސަސާތަކުގެ ޒިންމާދާރު މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން މަސައްކަތް ކުރެއްވުމަކީ ކަންބޮޑުވާކަމެއްކަމަށެވެ.

އަދި އެއީ ދިވެހިރާއްޖޭގައި އަންހެނުން ނުރަކަލަށް ހުށަހެޅި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ހުރަސް އެޅޭނޭ ކަމެއްކަމަށްވެސް ބުނެފައިވެއެވެ.

މީކާއިލް އެދިފައިވަނީ މިމައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބެލުމަށެވެ.