Last Updated: July 22, 12:00
Wednesday, July 22, 2026
ކުޅިވަރު

މުސްލިމް ކުޅުންތެރިން ކުރިމަތީ ބިޔަރު ފުޅި ނުބަހައްޓަން ނިންމައިފި

މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޕްރެސް ކޮންފަރެންސްތަކުގައި މުސްލިމް ކުޅުންތެރިން ކުރިމަތީ ބިޔަރު ފުޅި ނުބަހައްޓަން ޔޫއެފާ އިން ނިންމައިފިއެވެ.

ޔޫއެފާ އިން މިފަދަ ނިންމުމެއް ނިންމާފައިމިވަނީ މުބާރާތުގެ މެޗަކަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފްރާންސްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ މޭޒުމަތީގައި ހުރި ބިޔަރު ފުޅި ދުރަށްލުމުން އެކަމަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ދަނޑިވަޅެއްގައެވެ.

އިނގިރޭސިވިލާތުގެ "ޓެލެގްރާފް" ނޫހުން ޔޫއެފާގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައިވަނީ ދީނީ ނަޒަރަކުން ބެލުމަށްފަހު މެޗުތަކުގެ ކުރިންނާއި އަދި ފަހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ކޯޗުންނާއި ކުޅުންތެރިންނަށް މޭޒުމަތީގައި ބިޔަރު ފުޅި ބެހެއްޓުމާއި ދެކޮޅު ހެދިދާނެ ކަމަށެވެ.

އަދި އެކަމަށް ދެކޮޅު ހެދުމުގެ އިހުތިޔާރު އޮންނާނީ ހަމައެކަނި ދީނީ ނަޒަރަކުން ކަމަށާއި އެއީ އެއްވެސް ހާލަތެއްގައި ލައިފްސްޓައިލް ނުވަތަ ފިޓްނަސް ސަބަބުތަކަށްޓަކާ ކުޅުންތެރިންނާއި ކޯޗުންނަށް ލިބޭނެ އިހުތިޔާރެއް ނޫންކަމަށްވެސް ޔޫއެފާގެ އޮފިޝަލުންނާ ހަވާލާދީ އެ ނޫހުގައި ބުނެފައިވެއެވެ.

ޔޫއެފާ އިން މި ނިންމުން ނިންމާފައިވާއިރު މިދިޔަ ބުދަ ދުވަހުގެރޭ ފްރާންސް އާއި ޕޯޗުގަލް ބައްދަލުކުރި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާ ބައިވެރިވިއިރު އޭނާގެ ކުރިމަތީގައި ބިޔަރު ފުޅިއެއް ނެތްކަން ފާހަގަކޮށްލެވެއެވެ.

މޭޒުމަތިން ޕޮގްބާ ބިޔަަރު ފުޅި ނަގައި ދުރަށްލިއިރު މުބާރާތުގައި ޕޯޗުގަލް އިން ކުޅުނު ފުރަތަމަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މޭޒުމަތީގައި ހުރި ދެ ކޮކާކޯލާ ފުޅި ނަގާ ދުރަށްލާފައެވެ. އެއަށްފަހު ރޮނާލްޑޯ ވަނީ އެންމެން ވެސް ފެން ބުއިމަށް ބާރު އަޅާފައެވެ.

ދުނިޔޭގެ ނަން މަޝްހޫރު ދެ ކުޅުންތެރިން މިގޮތަށް އަމަލުކޮށްފައިވާއިރު، ކޮކާކޯލާ އަދި ހެނިކެން އަކީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މައި ދެ ސްޕޮންސަރުކަން ފާހަގަކޮށްލެވެއެވެ.