Last Updated: July 22, 12:00
Wednesday, July 22, 2026
ކުޅިވަރު

އިޓަލީ މިރޭ ނިކުންނަނީ އުނދަގޫ މެޗަކަށް: މަންޗީނީ

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި މިރޭ އޮސްޓްރިޔާއާ ދެކޮޅަށް ކުޅޭ މެޗު ވެގެންދާނީ އުނދަގޫ މެޗަކަށް ކަމަށް އިޓަލީގެ ކޯޗު ރޮބާޓޯ މަންޗީނީ ބުނެފިއެވެ.

އިޓަލީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކަމަށްވާއިރު އެ ތިން މެޗުގައި ވެސް އެޓީމު ކޮޅަށް ގޯލެއް ވަދެފައެއް ނުވެއެވެ. އޮސްޓްރިއާ މުބާރާތުގެ ދެވަނަ ބުރަށް ފުރަތަމަ ފަހަރަށް ދަތުރުކުރީ ގްރޫޕް ސީގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން މަންޗީނީ ބުނީ މިރޭގެ މެޗަކީ އުނދަގޫ މެޗަކަށް ވާނެކަމާއި، ގޯހެއް ހެދުމުގެ އެއްވެސް ޖާގައެއް ދީގެން ނުވާނެކަން ކުޅުންތެރިންނަށް ވަރަށް ރަނގަޅަށް އިނގޭނެ ކަމަށެވެ. އެގޮތުން އޮސްޓްރިއާ ޓީމަކީ ފެންވަރު ހުރި ޓީމެއް ކަމަށާއި އެޓީމަކީ ހަލުވި ކުޅުންތެރިންނާއެކު އެޓޭކު ކުރާ ޓީމެއް ކަމުން މެޗުން މޮޅުވެވޭނީ ވަރަށް ރަނގަޅަށް ކުޅެގެން ކަމަށް މަންޗީނީ ބުންޏެވެ.

"މިއީ އެއްވެސް ކަމެއް ގޯސްކޮށް ދާން ދޫކޮށްލެވެން ނެތް މެޗެއް. މުބާރާތުގެ މީގެކުރީގެ މެޗުތަކުގައި ގޯސްތަކެއް ހެދުނަސް މިރޭ މޮޅުވުން ނޫން އިތުރު ގޮތެއް ނޯންނާނެ. މިފަދަ މުބާރާތްތަކުގެ ރީތި ކަމަކީ ވެސް އެއީ. އުއްމީދަކީ އަހަރުމެންގެ ކުޅުން ކުޅެ، މުބާރާތުގައި އިތުރު މެޗުތަކެއް ކުޅެން ލިބުން" މަންޗީނީ ބުންޏެވެ.

މިރޭގެ މެޗަށް ނިކުންނައިރު އިޓަލީގެ ދެ ޑިފެންޑަރުން ކަމަށްވާ ކިއެލީނީ އާއި ފްލޮރެންޒީ 100 ޕަސެންޓް ފިޓް ނޫން ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެއިތުރުން މި މެޗުގައި ލޮކަޓެލީގެ ބަދަލުގައި މާކޯ ވެރާޓީ އަށް ފުރަތަމަ އެގާރައިން ޖާގަ ދިނުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޮސްޓްރިއާ އާއި އިޓަލީ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރުއެވެ.