Last Updated: July 22, 12:00
Wednesday, July 22, 2026
ކުޅިވަރު

ޔޫރޯގައި ދައްކާ ކުޅުމުގެ ސަބަބުން މޮރާޓާ އަށް މަރުގެ އިންޒާރު

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ދައްކާ ކުޅުމުގެ ސަބަބުން ސްޕެއިންގެ ފޯވާޑް އަލްވަރޯ މޮރާޓާ އަށް މަރުގެ އިންޒާރު ދީފިއެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުން ސްލޮވާކިޔާގެ މައްޗަށް 5-0 އިން މޮޅުވެ ސްޕެއިން ދެވަނަ ބުރަށް ދަތުރުކޮށްފައިވާއިރު ސްޕެއިންގެ ކުރީގައި ހަރަކާތްތެރިވާ މޮރާޓާ އަށް ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގައި ވެސް ރަނގަޅު ފުރުސަތުތަކެއް ލިބި ކާމިޔާބު ކުރެވިފައިވަނީ އެންމެ ގޯލެކެވެ. ލިބޭ ގިނަ ފުރުސަތުތަކުގެ ބޭނުން ނުހިފޭތީ ސްޕެއިންގެ ސަޕޯޓަރުންގެ ނުރުހުން މޮރާޓާ އަށް ވަނީ އަމާޒުވެފައެވެ.

އެކަމާ ގުޅިގެން ސްޕެއިންގެ ރޭޑިއޯ ސްޓޭޝަނަކަށް ދިން އިންޓަވިއުއެއްގައި މޮރާޓާ ބުނީ ގްރޫޕް ސްޓޭޖުގައި ޕޮލެންޑާއި ބައްދަލުކޮށް 1-1 އިން ސްޕެއިން އެއްވަރުވި މެޗަށްފަހު ނުނިދާ 9 ގަޑިއިރު ހުރި ކަމަށާއި އޭނާއަށް މަރުގެ އިންޒާރާއި، އާއިލާއަށް ފުރައްސާރައިގެ ބަސްތައް ލިބުމުގެ އިތުރަށް ބައެއް ފަރާތްތަކުން އޭނާގެ ދަރިންނާއި ގުޅޭގޮތުން ވެސް ވަރަށް އިހާނެތި ބަސްތައް ބުނެފައިވާ ކަމަށެވެ.

"އަހަންނަށް ވިސްނޭ ގޯލުތައް ނުޖެހޭތީކަން އެ ފާޑުކިޔުންތައް އަމާޒުކުރަނީ. އެންމެ ފުރަތަމަ އެކަން ގަބޫލުކޮށް އެ ފާޑުކިޔުންތައް ބަލައިގަންނާނީ ވެސް އަހަރެން. އަހަރެން އެންމެ ހިތްހަމަނުޖެހެނީ އަންހެނުންނާއި، ދަރިންނާއި ދިމާލަށް އެއްޗެހި ކިޔާތީ. ހުރިހާ އެއްޗެއް މިކިޔަނީ އެ މީހުންނާ ދިމާލަށް" މޮރާޓާ ބުންޏެވެ.

މޮރާޓާ ބުނީ އޭނާގެ ނަން ޖަހާފައިވާ ޖޯޒީ ލައިގެން ދަރިން ދަނޑަށް ދިޔުމުން ބައެއް ފަރާތްތަކުން އެ ކުދިންނާއި ދިމާލަށް ވެސް އެއްޗެހި ކިޔާފައިވާ ކަމަށެވެ. އަދި އޭނާ އަށް ދަނޑުމަތީގައި ޒިންމާ އަދާނުކުރެވޭނަމަ ފާޑުކިޔާނެކަން ގަބޫލުކުރާ ކަމަށާއި ނަމަވެސް އެކަމުގައި ވެސް ވަކި ވަރެއްގެ ހަނދެއް އޮންނަން ވާނެ ކަމަށް މޮރާޓާ ބުންޏެވެ.

"އަހަންނަށް މީގައި އޮތީ ދެ އޮޕްޝަނެއް. އެއީ އެއްޗެކޭ ނުބުނެ ހުރުން ނުވަތަ މިކަމާ ގުޅޭގޮތުން މިގޮތަށް އިންޓަވިއުއެއް ދިނުން" އޭނާ ބުންޏެވެ.