Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ތިނަދޫގައި ބޭރަށް ނިކުމެވޭނީ ހަފްތާއަކު އެއްދުވަހު އެއްގަޑިއިރަށް އެންމެ މީހަކަށް!

ތިނަދޫގެ ކޮވިޑު-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމާއި ގުޅިގެން އެރަށުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

ތިނަދޫ ކައުންސިލުން ރޭ ނެރުނު އިއްލާނެއްގައި ވަނީ އެރަށުގައި ބޭރަށް ނިކުމެ އުޅޭ ވަގުތު މަދު ކުރުމަށް ތިނަދޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ނިންމާފައިވާކަން ހާމަކޮށްފައެވެ. އެގޮތުން މިހާރު ތިނަދޫގެ ގޭބިސީތަކަށް ދޫކުރެވިފައިވާ ހުއްދަ ބޭނުންކޮށްގެން ދެން ނިކުމެވޭނީ ހަފްތާއަކު އެއް ދުވަހު އެންމެ މީހަކަށް ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި ހައުސްހޯލްޑް ޕާމިޓްގެ ދަށުން މީހުން ގެއިން ބޭރަށް ނިކުތުމަށް ވަގުތު ކަނޑައަޅާނީ ތިނަދޫގެ ޕޮލިސް ސްޓޭޝަންއިން ކަމަށް ވެސް ކައުންސިލްގެ އިއުލާންގައި ވެ އެވެ.

ތިނަދޫގައި އަޅާފައިވާ ފިޔަވަޅު ވަރުގަދަކޮށްފައިވަނީ އެރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އޮވެ، ހަލުވި ކަމާއި އެކު ކޮވިޑު-19 ފެތުރެމުންދާތީއެވެ. އެގޮތުން ބުރާސްފަތި ދުވަހު އެކަނިވެސް 17 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މިހާތަނަށް ތިނަދޫއިން 579 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު 6 މީހަކަށް ތިނަދޫ ކޮވިޑު ފެސިލިޓީގައި ދަނީ ފަރުވާ ދެމުންނެވެ.