Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

އަލީ ވަހީދު ރާއްޖެއިން ބޭރުގައި ބަހައްޓައިގެން ޝަރީއަތްކުރާ މައްސަލަ ހައިކޯޓަށް

ޕީޖީ ހުސައިން ޝަމީމް, މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު, އަލީ ވަހީދު--

ޖިންސީ ގޯނާގެ މައްސަލަތަކެއްގައި ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރުގައި ބަހައްޓައިގެން ޝަރީއަތް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

އަލީ ވަހީދުގެ މައްސަލަައިގައި ކްރިމިނަލް ކޯޓުން އަލީ ވަހީދު ރާއްޖެއިން ބޭރުގައި ބަހައްޓައިގައި އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެއެވެ.

އަލީ ވަހީދުގެ މައްސަލައިގައި މީގެ ކުރިން ޕީޖީން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ޢަލީ ވަހިދު ބައިވެރިވެފައިވަނީ ކޮންތަނެއްކަން ނޭނގޭ ތަނެއްގައި ހުރެ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށްކަމަށެވެ. މައްސަލައިގެ އަޑުއެހުން ފެށުމާއެކު، ކުށުގެ ތުހުމަތުކުރެވޭ މީހާ ދިވެހިރާއްޖޭގެ ޖޫރިސްޑިކްޝަނުން ބޭރުގައި ހުރެ ޝަރީއަތުގައި ބައިވެރިވާކަމަށް ބެލެވޭތީ ދައުލަތުން އެ ކަމަށް އިއުތިރާޟުކޮށް، އެކަން ވެފައިވާގޮތް ސާފުކުރުމަށް ޝަރީއަތާ ސުވާލު ކުރިމަތިކުރުވި ކަމަށް ބަޔާނުގައިވެއެވެ.

"ރާއްޖޭގެ ޤާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ މައްސަލައެއްގެ ޝަރީޢަތުގެ އަޑުއެހުމެއް ބޭއްވި މިއީ ފުރަތަމަ ފަހަރެވެ. މިއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނު ދަންނަކަމެއް ނޫނެވެ. އެހެންކަމުން އެގޮތަށް ޝަރީޢަތް ކުރިއަށް ނުގެންދެވޭނަކަމަށް ބުނެ ދައުލަތުން އިޢުތިރާޟުކުރީމެވެ." ޕީޖީގެ ބަޔާނުގައިވެއެވެ.

އެހެންނަމަވެސް ޖަވާބުގައި މައްސަލަ ބައްލަވާ ޤާޒީ ހަސަން ސައީދު ވިދާޅުވެފައިވަނީ އެކަމަށް ކޯޓުން ގޮތެއް ކަނޑައަޅާފައިވާކަމަށާއި، އެކަމާ ގުޅިގެން އިތުރަށް ބަހުސް ނުކުރެވޭނެކަމަށެވެ. މި ނިންމެވުން ނިންމަވާފައިވަނީ، ކްރިމިނަލް ކޯޓުގެ އިސްޤާޟީ އަޙްމަދު ޝަކީލުގެ ލަފާ ލިޔުމުން ލިބިގެންކަމަށް ޤާޟީ ޙަސަން ސަޢީދު ވިދާޅުވެފައިވާކަމަށާއި، ނަމަވެސް، ޤާނޫނުގައި ވަކި ގޮތަކަށް އޮތް ކަމެއްގައި، އަދި އެކަމާބެހޭ ގޮތުން ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމަވާފައި އޮތް ކަމެއްގައި، އެނޫން ގޮތަކަށް ލަފާ ދެއްވުމަކީ، އިސްޤާޟީ އަޙްމަދު ޝަކީލަށް ކުރެއްވޭނެ ކަމެއްކަމަށް ނުފެންނަ ކަމަށްވެސް ޕީޖީން މީގެ ކުރިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.