ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގައި އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް މަޖިލީހުން ކުރިއަށްގެންދާ ޕާލިމެންޓަރީ އިންކުއަރީއަށް ހުޅުދޫ ދާއިރާގެ މެމްމަބަރު އިލިޔާސް ލަބީބް ބަޔާން ދީފިއެވެ.
މަޖިލީހުގެ 241 ކޮމިޓީން ޕާލިމެންޓަރީ އިންކުއަރީ ކުރިއަށް ގެންދާއިރު އިލިޔާސް ލަބީބަކީ އެކޮމިޓީގައި ހިމެނިވަޑައިގެންނެވި މެމްބަރެކެވެ.
އިލިޔާޒް ލަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިދިޔަ ހަފްތާގައި ކޮމިޓީގެ މެމްބަރު ކަމުން ވަކިވެފައިވާކަމަށެވެ. އަދި މިއަދު އިންކުއަރީއަށް ބަޔާނެއް ދީފައިވާކަމަށެވެ.
I decided to step aside as a member of the 241 Committee last week. And today, I have also given a statement to the Committee’s Enquiry into the security breach that led to the terror attack on President @MohamedNasheed
— ilyas labeeb 🎈 (@ilyas_labeeb) June 26, 2021
ރައީސް ނަޝިދަށް ހަމަލާއެއް ދޭންއުޅޭކަމުގެ މައުލޫމާތު ލިބި އެކަން ޑިފެންސް މިނިސްޓަރު މާރިޔާ ދިދީއަށް ހިއްސާ ކުރިކަމަށް މީގެ ކުރިން އިލިޔާސް ލަބީބް ވިދާޅުވެފައިވެއެވެ. އަދި އެމައްސަލައިގައި މާރިޔާއާ އިލިޔާސް ލަބީބާއި ދެމެދު ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއްވެސް ހިނގާފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުއާ ސުވާލުކުރުން pic.twitter.com/9Dgq3MAdAz
— People's Majlis (@mvpeoplesmajlis) June 26, 2021
މަޖިލީހުގެ އިންކުއަރީއަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ހާޒިރުވެ ޖަވާބުދާރީ ވެފައިވެއެވެ. އަދި އެމްއެމްއޭގެ ގަވަރުނަރު ޢަލީ ހާޝިމްއާއި ޑެޕިއުޓީ ގަވަރުނަރު އަދި ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓްގެ ހެޑް ހާޒިރުވެފައިވެއެވެ. މީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް، ޑިރެކްޓަރ ޖެނެރަލް، ކައުންޓަރ ޓެރަރިޒަމް ސެންޓަރ، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ފުލުހުންގެ ޑިރެކްޓަރ ކައުންޓަރ ޓެރަރިޒަމް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއިލް ހާޒިރުވެ ސުވާލުތަކަށް ޖަވާބު ދީފައިވެއެވެ. އަދި ރައީސް ނަޝީދުގެ ބޮޑީގާޑުންވެސް ހާޒިރުވެފައިވެއެވެ.