Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

އަންހެން ކުދިން ހިތާނު ކުރުމަށް ހިތްވަރުދޭ މީހުންނަށް ފިޔަވަޅު އަޅަންޖެހޭ: ޔުމްނާ

ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން

އަންހެން ކުދިން ހިތާނު ކުރުމަށް ހިތްވަރުދޭ މީހުންނަށް ފިޔަވަޅު އަޅަންޖެހޭކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ޔުމްނާ މިފަދައިން ވިދާޅުވެ ޓްވީޓް ކުރައްވާފައިވަނީ، އަންހެންކުދިން ޚިތާންކުރުން ހުއްދަކުރާ ސައްހަ ދަލީލެއް ނެތްކަމަށް މައްޝޫރު އިލްމުވެރިޔާ އިބްނުލްމުންޒިރު ވިދާޅުވެފައިވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކުރެއްވި ޓްވީޓް ރްޓްވީޓް ކުރައްވައެވެ. ރައީސް މައުމޫންގެ އެ ޓްވީޓަކީ، އަންހެން ކުދިން ހިތާނު ކުރުމަށް ބާރުދީ ޑރ. އިޔާޒް ކުރި ޓްވީޓަށް ރައްދުދެއްވާ ކުރައްވާފައިވާ ޓްވީޓެކެވެ.

ޔުމްނާގެ ޓްވީޓްގައި ވިދާޅުވެފައިވަނީ، މާތްވެގެންވާ އިސްލާމްދީނުގައި އަންހެން ކުދިން ހިތާނުކުރުން ނޯންނަކަމަށެވެ.

އަދި މިފަދަ އަނިޔާވެރި އަމަލުތަކަށް ހިތްވަރުދޭ ފަރާތްތަކާމެދު ފިޔަވަޅު އަޅަންޖެހޭކަމަށް ޔުމްނާ ވިދާޅުވެފައިވެއެވެ.

އަންހެން ކުދިން ހިތާނު ކުރުމާ ދެކޮޅަސް ގިނަ ބަޔަކު އަޑުއެފުލަށް ފަށާފައިވަނީ ޑރ. މުހައްމަދު އިޔާޒް އަންހެން ކުދިން ހިތާނު ކުރުމަށް ތާއީދު ކޮށް ޓްވީޓް ކުރުމާ ގުޅިގެންނެވެ. ޑރ. އިޔާޒްގެ ޓްވީޓްތަކަށް ރައްދު ދެއްވާ ރައިސް މައުމޫން ކުރެއްވި ޓްވީޓެއްގައިވަނީ އަންހެން ކުދިން ހިތާނު ކުރުމަކީ ދީން ދަންނަ ކަމެއް ނޫންކަމަށްވެސް ވިދާޅުވެފައެވެ.

އަންހެން ކުދިން ހިތާނު ކުރުމަށް ހިތްވަރުދި ޑރ. އިޔާޒް ޓްވީޓް ކުރި މައްސަލަވަނީ މަޖިލީހުގެ ސަމާލުކަމަށްވެސް ގެނެސްފައެވެ.