Last Updated: July 22, 12:00
Wednesday, July 22, 2026
ކުޅިވަރު

ޔޫރޯ 2020: ވޭލްސް ބަލިކޮށް ޑެންމާކް ކުއާޓާ އަށް

4-0 އިން ވޭލްސް ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާފައިނަލަށް ޑެންމާކް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ކުއާޓާފައިނަލްގައި ޑެންމާކް ބައްދަލުކުރާނީ ނެދަލޭންޑްސް އާއި ޗެކް ރިޕަބްލިކް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. އެ މެޗު އޮންނާނީ މާދަމާ ރެ އެވެ.

ނެދަލޭންސްގެ އެމްސްޓަޑެމް އެރީނާގައި މިރޭ ކުޅުނު މި މެޗުގައި ޑެންމާކްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު މި މެޗުގެ 27 ވަނަ މިނެޓްގައި ޑޮލްބާގް ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ އެޓީމަށް ލީޑު ނަގާދީފައެވެ. މި ގޯލު ޑޮލްބާގް ކާމިޔާބުކުރީ ވޭލްސްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ޑެންމާކް އިން ނިންމާލިއިރު، ދެވަނަ ހާފްގެ ކުރީކޮޅު ޑޮލްބާގް ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މި ގޯލު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވެ ނަތީޖާގެ ފަރަގު ކުޑަކޮށްލަން ވޭލްސްގެ ގެރެތް ބޭލް އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

މެޗުގެ 88 ވަނަ މިނެޓްގައި ޑެންމާކްގެ ތިންވަނަ ގޯލު ޔޮކީމް ކާމިޔާބުކޮށްދިންއިރު، މެޗުގެ 90 ވަނަ މިނެޓްގައި ރެފްރީ ވަނީ ވޭލްސްގެ ހެރީ ވިލްސަން އަށް ރަތްކާޑު ދައްކާފައެވެ. ވިލްސަން އަށް ރަތްކާޑު ދެއްކީ ޑެންމާކްގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެންނެވެ.

10 ކުޅުންތެރިންނާއެކު މެޗުގެ ބާކީބައި ފުރިހަމަ ކުރަން ޖެހުނު ވޭލްސް ކޮޅަށް ޑެންމާކުން ޖެހި ހަތަރުވަނަ ގޯލު ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް މާޓިން ބްރައިތްވައިޓްއެވެ.

މިއީ 2004 ވަނަ އަހަރަށްފަހު ޑެންމާކް މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.