Last Updated: July 22, 12:00
Wednesday, July 22, 2026
ކުޅިވަރު

ޔޫރޯ 2020: އުނދަގޫތަކަކަށްފަހު އިޓަލީ ކުއާޓާ އަށް

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ އޮސްޓްރިއާ 2-1 އިން ބަލިކޮށް, އިޓަލީ މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފިއެވެ.

މިއީ ފާއިތުވި ހަ ޔޫރޯގެ ތެރެއިން އިޓަލީ މުބާރާތުގެ ކުއާޓާ އަށް ދަތުރުކުރި ފަސްވަނަ ޔޫރޯ އެވެ. އިޓަލީ ޔޫރޯގެ ކުއާޓާ އަށް ދަތުރުކޮށްފައިނުވަނީ 2004 ވަނަ އަހަރު އެވެ.

އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ 90 މިނެޓް ހަމަވިއިރު ދެ ޓީމުން ކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވިފައި ނުވާއިރު މެޗުގެ ފުރަތަމަ ހާފްގައި އިޓަލީން ވަނީ އޮސްޓްރިއާގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފައެވެ. އެގޮތުން އިމޯބިލޭ ދުރުން ފޮނުވާލި ހަމަލާ ގޯލުގެ ދަނޑި އަށް އަމާޒުވިއިރު ބަރޭލާ ފޮނުވާލި ހަމަލާ ދިފާއުކުރީ އޮސްޓްރިއާގެ ކީޕަރެވެ.

މެޗުގެ ދެވަނަ ހާފްގައި އޮސްޓްރިއާ އިން ކުޅުން ރަނގަޅުކުރިއިރު މެޗުގެ 66 ވަނަ މިނެޓްގައި އެޓީމުން ގޯލެއް ޖަހާ ލީޑު ވެސް ނެގިއެވެ. ނަމަވެސް އޮސްޓްރިއާގެ ފޯވާޑް އަނައޮޓިވް ބޮލުން ބޯޅަ ފޮނުވާލިއިރު އޮފްސައިޑް މަގާމެއްގައި ހުރުމުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ނިންމީ އެ ގޯލު ބަލައިނުގަތުމަށެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން ގޯލެއް ޖަހަން ދެ ޓީމުން ވެސް މަސައްކަތް ކުރިއިރު، ނަތީޖާ ދެން ކުޅެފައިވަނީ އިތުރު ވަގުތުގެ ދެ ހާފްގެ ކުޅުމެވެ. އެގޮތުން އިޓަލީން ވަނީ ފުރަތަމަ ހާފް ފެށިގެން ފަސް މިނިޓް ތެރޭ ލީޑު ނަގާފައެވެ. މި ގޯލު އިޓަލީ އަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ކުޅެން އެރި ފެޑެރީކޯ ކިއޭސާ އެވެ. އަދި އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ޕެސީނާ ވަނީ އިޓަލީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި އޮސްޓްރިއާ އިން ގޯލެއް ޖަހަން ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު އޮސްޓްރިއާ އަށް ކާމިޔާބުކޮށްދިނީ ސާސާ ކަލައިޗިޗް އެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ އިޓަލީ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ކުރިއަށް ފޮނުވާލައިގެންނެވެ.

މުބާރާތުގެ ކުއާޓާގައި އިޓަލީ ބައްދަލުކުރާނީ ޕޯޗުގަލް އާއި ބެލްޖިއަމް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.