ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެކަނި ހުއްޓުވައިގެން ފަރުޖައްސާނުލެވޭނެ ކަމަށް ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.
ޔޫރޯގެ ދެވަނަ ބުރުގައި މިރޭ ޕޯޗުގަލް އާއި ދެކޮޅަށް ބެލްޖިއަމް މިރޭ ނިކުންނައިރު، ބެލްޖިއަމް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްގެންނެވެ. މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ޕޯޗުގަލް ދެވަނަ ބުރަށް ދަތުރުކުރީ އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުވެ އަދި އެއް މެޗުން ބަލިވެގެންނެވެ.
ޕޯޗުގަލް ދެވަނަ ބުރަށް ދަތުރުކުރިއިރު އެޓީމުގެ އިތުބާރު ފޯވާޑް ރޮނާލްޑޯ ވަނީ މި މުބާރާތުގައި މިހާތަނަށް ފަސް ގޯލު ކާމިޔާބުކޮށްފައެވެ.
މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން މާޓިނޭޒް ބުނީ ވަކި ކުޅުންތެރިއެއް ހުއްޓުވަން ޕްލޭނެއް ހެދުމަކީ އެހެން ކުޅުންތެރިއެއްގެ ފަރާތުން ޓީމަށް ގެއްލުން ލިބިދާނެ ކަމެއް ކަމަށާއި އެހެން ކަމުން ވަކި ކުޅުންތެރިއަކު ހުއްޓުވަން ޕްލޭނެއް ނުގެންގުޅޭނެ ކަމަށެވެ.
"ރޮނާލްޑޯ އަކީ އަބަދުވެސް އެންމެ ރަނގަޅު ފުރުސަތުތައް ތަނަވަސްކުރާ ކުޅުންތެރިޔާއަށް ވުމުން އޭނާއާ މެދު ސަމާލުވާންޖެހޭނެ. ހަމަ އެގޮތަށް ޕޯޗުގަލްގެ ދެން ތިބި 10 ކުޅުންތެރިންނާ ދެކޮޅަށް ވެސް އެ ބީދައިން ސަމާލުވާންޖެހޭ" މާޓިނޭޒް ބުންޏެވެ.
ޕޯޗުގަލް އަކީ ޔޫރޯ އާއި ނޭޝަންސް ލީގު ވެސް ކާމިޔާބުކޮށްފައިވާ ޓީމެއްކަން ފާހަގަކުރަމުން މާޓިނޭޒް ބުނީ ޕޯޗުގަލް އަކީ ހަލުވި ގިނަ ކުޅުންތެރިންތަކެއް ތިބި އަދި ކައުންޓަ އެޓޭކުތަކުގައި އިދިކޮޅު ޓީމަށް ބޮޑެތި ގެއްލުންތަކެއް ދެވޭ ފެންވަރު ހުރި ތަޖުރިބާކާރު ޓީމެއް ކަމަށްވެސް ބުނެފައެވެ.
ޕޯޗުގަލް އާއި ބެލްޖިއަމް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރުއެވެ.