Last Updated: July 22, 12:00
Wednesday, July 22, 2026
ކުޅިވަރު

ޔޫރޯ 2020: ޕެރިސިޗް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައިވާ ކްރޮއޭޝިއާގެ އިވާން ޕެރިސިޗް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ކްރޮއޭޝިއާގެ ގައުމީ ޓީމުން ބުނީ ކޮވިޑަށް ޓެސްޓު ކުރުމަށް އެންމެފަހުން ނެގި ސާމްޕަލްތަކުގެ ތެރެއިން ޕެރިސިޗް ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެއާއެކު ޕެރިސިޗް ކުރިއަށް އޮތް 10 ދުވަހަށް އައިސޮލޭޝަނުގައި ހުންނާނެ ކަމަށްވެސް އެ ޓީމުން ބުނެއެވެ.

މުބާރާތުގެ ދެވަނަ ބުރުގައި މާދަމާ ރޭ ސްޕެއިން އާއި ދެކޮޅަށް ކްރޮއޭޝިއާ ނިކުންނައިރު، އެ މެޗުގައި ޕެރިސިޗް އަށް ދެން ނުކުޅެވޭނެއެވެ. ޕެރިސިޗް ވަނީ ގްރޫޕް ސްޓޭޖުގައި ކްރޮއޭޝިއާ އިން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުގައި ދެ ގޯލު ކާމިޔާބުކޮށްފައެވެ.

މުބާރާތުގެ ދެވަނަ ބުރުގައި ކްރޮއޭޝިއާ އިން ކުޅޭ މެޗުގެ އިތުރުން، ކްރޮއޭޝިއާ ކުއާޓާފައިނަލަށް ދަތުރުކޮށްފިނަމަ އެ މެޗުގައި ވެސް ޕެރިސިޗް އަށް ނުކުޅެވުމަކީ އެކަށީގެންވާ ކަމެކެވެ.