ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.
ފުލުހުން ބުނެފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާ ގޮތުގެ ޤަވާއިދުގެ ދަށުން މިތަކެތި ނައްތާލާފައިވަނީ އިއްޔެ ދޫނިދޫގައިކަމަށެވެ.
އިއްޔެ ނައްތާލާފައިވަނީ 12 އިންސިޑެންޓެއްގައި ހިމެނޭ އެވިޑެންސްތަކާއި 2021 ވަނަ އަހަރު ފައިލްކުރެވިފައިވާ 23 މައްސަލައެއްގައި ހިމެނޭ ތަކެއްޗާއި 201 ވަނަ އަހަރު ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ 36 މައްސަލައެއްގައި ހިމެނޭ ތަކެއްޗާއެކު ޖުމްލަ 71 މައްސަލައެއްގައި ހިމެނޭ ތަކެތިކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ނައްތާލާފައިވާ ބަނގުރަލުގެ ތެރޭގައި ހިމެނެނީ، ޖުމްލަ 71 މައްސަލައެއްގައި ހިމެނޭ އެކި ބްރޭންޑްތަކުގެ 747 ފުޅިއާއި 43 ޕެޓްފުޅިއާއި 1،110 ބިޔަރު ދަޅުގެ އިތުރުން 13 ޕެކެޓާއި ދެ ހަމާއި ފަސް ލީޓަރުގެ 11 ފުޅިއާއި 18 ބިޔަރު ފުޅި އަދި 45 އެހެނިހެން ތަކެއްޗެވެ. ނައްތާލާފައިވާ އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނެނީ ސާމްޕަލް ކަޕާއި ކޮތަޅާއި ނޫސް ކަރުދާހާއި ކަރުދާސް ފޮށިގަނޑާއި ދަބަހާއި ލަގެޖް ފޮއްޓާއި ތަށި ފަދަ ތަކެއްޗެވެ.
ފުލުހުން ބުނެފައިވަނީ ނައްތާލާފައިވަނީ ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ އަދި ނައްތާލުމުގެ ހުއްދަ ޕީޖީ އޮފީހުން ދީފައިވާ މައްސަލަތަކާއި ދައުވާނުކުރުމަށް ނިންމައި ފައިލްކޮށްފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރާކަމަށެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރަން އަންނަ ފަތުރުވެރިންގެ އަތުން ނެގިފައިވާ ބަނގުރަލާއި ވަކިފަރާތަކަށް ތުހުމަތު ނުކުރެވޭގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރާކަމަށް ވެސް ފުލުހުން މައުލޫމާތުދީފައިވެއެވެ.