Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ހަރުކަށި ފިކުރާ ދެކޮޅަށް ގެންގުޅޭ ސިޔާސަތު ބަދަލުކުރަން ގޮވާލައިފި

އާދަމް ޝަރީފް އުމަރު-- ފޮޓޯ: މަޖިލިސް

ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ބަދަލުކުރުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ގޮވާލައިފިއެވެ.

އާދަމް ޝަރީފް މިފަދައިން ގޮވާލާ ޓްވީޓްކޮށްފައިވަނީ ރާއްޖޭގެ ސަލާމަތަށްޓަކައި ގިނަ ބަޔަކު އެއްފަހަރާ ހިފާ ހައްޔަރު ކުރަންޖެހޭކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވުމާއި ގުޅިގެންނެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ބަދަލު ނުކޮށްފިނަމަ، ހީނުކުރާފަދަ ނުރައްކާތަކާ ކުރިމަތިލާންޖެހިދާނެ ކަމަށެވެ.

އަދި ބަދަލުހިފުމާއި ޖަދަލުކުރުމަށްވުރެއް ބޮޑަށް، ބުއްދީގެ ބޭނުން ރަނގަޅަށް ހިނފުން މުހިންމު ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގެ ހަރުކަށި ފިކުގެ ހާލަތާއި ގުޅުވާ ރައީސް ނަޝީދު ރޭ ވާހަކަ ދައްކަވާފައިވާއިރު އެމަނިކުފާނަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަކާ ގުޅިގެން އަންނަވަނީ ޖަރުމަނުވިލާތުގައި ފަރުވާ ހޯއްދަވަމުންނެވެ.

ބޮމުގެ ހަމަލާއާ ގުޅިގެން ފަސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާއިރު، ފުލުހުން އަންނަނީ ބޭރުގެ މާހިރުންނާއެކު އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެ ހަމަލާއާ ގުޅިގެން ފުލުހުން އަންނަނީ ހަރުކަށި ފިކުރަށް ތާއީދުކުރާ ފަރާތްތަކާއި ދެކޮޅަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮޕަރޭޝަންތައް ވެސް ހިންގަމުންނެވެ. އަދި ޓެރަރިޒަމަށް ހިތްވަރު ލިބޭ ފަދަ ވާހަކަތައް ދައްކާ ފަރާތްތައް ވެސް އަންނަނީ ހައްޔަރުކުރަމުންނެވެ.