މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން އަލުން ފެށުމާމެދު މަޝްވަރާ ކުރަމުން އަންނަކަން އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާފައިވަނީ ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅެއްގެގޮތުގައެވެ.
"އައްޑޫލައިވް" އަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މަޝްވަރާތައް ކުރިއަށްދަމުން އަންނަކަމަށެވެ. އެހެންނަމަވެސް އަދި ވަކިގޮތެއް ނިންމާފައިނުވާކަމަށެވެ.
މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ އަޅި ފިޔަވަޅުތަކުގެ ތެރޭގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލިއިރު، މިހާރު ވަނީ މާލެ ސަރަހައްދުގައި ކޮވިޑް-19 ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވެފައިވާއިރު ސީރިއަސް ވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭ މީހުންގެ އަދަދު ވެސް ވަނީ މަދުވެފައެވެ.