މަރާލާފައި އޮތްވާ ފެނުނު އުމުރުން 13 އަހަރުގެ މުހައްމަދު ރާއިފްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މި ހަފްތާގައި ފޮނުވޭތޯ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.
މަރާލާފައި އޮތް ރާއިފްގެ ހަށިގަނޑު ހުޅުމާލެ ފޭސް 2 ގެ މޫދުން ފެނިފައިވަނީ ޖޫން 21 ވަނަ ދުވަހުގެ ރޭ 2:38 ހާއިރުއެވެ.
އެ މައްސަލައާ ގުޅިގެން "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި، މި ހަފްތާގައި ފޮނުވޭތޯ މަސައްކަތް ކުރަމުންއަންނަކަމަށެވެ.
13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް މި މަހުގެ 20 ވަނަ ދުވަހު ފުލުހުންގެ އިދާރާ އަށް ހުށަހަޅާފައިވާއިރު އެ މައްސަލައާ ގުޅިގެން އެ ކުއްޖާ ހޯދުމަށް ކުރެވުނު މަސައްކަތުން އެ ކުއްޖާ މަރާލާފައި އޮއްވާ ޖޫން 21 ވަނަ ދުވަހުގެ ރޭ 2:38 ހާއިރު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކުއްޖާ ފެނިފައިވަނީ ހުޅުމާލެ ފޭސް 2ގެ މޫދުން ފޮއްޓަކަށްލާފައި އޮށްވައެވެ.
މިމައްސަލައިގައި ފުލުހުން ވަނީ 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ އިބްރާހިމް ޒިހާން، ނ. ލަންދު ހައްޔަރުކޮށްފައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މިމައްސަލައިގައި ޝަރީއަތް ނިމެންދެން ޒިހާން ބަންދުކޮށްފައިވާއިރު އޭނާގެ މައްޗަށް ވަނީ ގަސްދުގައި މީހަކު މެރުން، މާރާމާރި ހިންގުން، ރަހީނު ކުރުން އަދި ކުޑަކުއްޖަކާ މެދު ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުކޮށްފައެވެ. މި މައްސަލައިގައި ޒިހާން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު 17 އަހަރުގެ ކުއްޖާ ވަނީ 15 ދުވަހަށް ބަންދުކޮށްފައެވެ.