މޭ 6 ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގެ ތަހުގީގު ހިނގާދާގޮތް ބެލުމަށް އެމްޑީޕީން އުފައްދާފައިވާ "މޭ 6 ކޮމިޓީ"އިން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއާ ބައްދަލުކުރައްވައިފިއެވެ.
އެ ކޮމިޓީން މިނިސްޓަރު މާރިޔާއާ މިއަދު ބައްދަލުކުރެއްވިއިރު އެ ބައްދަލުވުމާ ބެހޭ އިތުރު ތަފްސީލެއް ލިބޭގޮތް އަދި ވަނީ ނުވެފައެވެ.
މި ބައްދަލުވުމުގައި މޭ 6 ކޮމިޓީގެ ޗެއާ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް، ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް، ފޮނަދޫ ދާއިރާގެ މެމްބަރު މުސާ ސިރާޖު އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ބައިވެރިވެވަޑައިގެންފައިވެއެވެ.
މޭ 6 ކޮމިޓީން މިނިސްޓަރު މާރިޔާއާ ބައްދަލުކޮށްފައިވާއިރު، ހަމަލާއާ ގުޅިގެން އެމްޑީޕީގެ އެތެރެއިން މާރިޔާއަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތުގެ އިންކުއަރީއެއް މަޖިލީހުންވެސް އަންނަނީ ހަދަމުންނެވެ. އެ އިންކުއަރީއަށްވެސް މިނިސްޓަރު މާރިޔާ ހާޒިރުކޮށްފައިވެއެވެ. އަދި ސިފައިންގެ އިސްފަރާތްތަކާއި ރައީސް ނަޝީދުގެ ބޮޑީގާޑުންގެ އިތުރުން އިތުރު ފަރާތްތައްވެސް ހާޒިރުކޮށްފައިވެއެވެ.