Last Updated: July 22, 12:00
Wednesday, July 22, 2026
ކުޅިވަރު

ޔޫރޯ 2020: ނެދަލޭންޑްސް ކަޓުވާލައި ޗެކް ރިޕަބްލިކް ކުއާޓާ އަށް

2-0 އިން ނެދަލޭންޑްސް ބަލިކުރުމަށްފަހު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާފައިނަލަށް ޗެކް ރިޕަބްލިކް ދަތުރުކޮށްފިއެވެ.

މިއީ 2012 ވަނަ އަހަރަށްފަހު މުބާރާތުގެ ކުއާޓާފައިނަލުން ޗެކް ރިޕަބްލިކް ޖާގަ ހޯދި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ހަންގޭރީގެ ޕުސްކަސް އެރީނާގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މި ހާފުގައި ލީޑު ނަގަން ރަނގަޅު ދެ ފުރުސަތެއް ނެދަލޭންޑްސް އަށް ލިބިފައިވެއެވެ. އެގޮތުން މާލެން އޭރިއާތެރޭގައި ހުރެ ފޮނުވާލި ހަމަލާއެއް ޗެކް ރިޕަބްލިކްގެ ޑިފެންޑަރު ތޯމަސް ކަލާސް ދިފާއުކުރިއިރު، އެޓީމުގެ ޑިފެންޑަރު ޑަމްފްރީސް ވެސް ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ.

ފުރަތަމަ ހާފް ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު ނެދަލޭންޑްސް އަށް ވަނީ ލީޑު ނަގަން މުޅިން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އެޓީމުގެ މާލެން މުޅިން ހުހަށް ޗެކް ރިޕަބްލިކްގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ ކީޕަރު ކައިރިން ނައްޓާލަން އުޅުމުގެ ތެރޭގައި ކީޕަރު ވަނީ ބޯޅަ އަތުލާފައެވެ.

މި ފުރުސަތުގެ ބޭނުން ނެދަލޭންޑްސް އަށް ނުހިފުނުއިރު މެޗުގެ 52 ވަނަ މިނެޓްގައި އެޓީމަށް އިތުރު މައްސަލަތަކެއް ދިމާވީ އެޓީމުގެ ޑިފެންޑަރު ޑި ލިޓް އަށް ރަތްކާޑު ދެއްކުމާ ގުޅިގެންނެވެ. އޭނާ އަށް ރަތްކާޑު ދެއްކީ އެންމެ ފަހު މީހާގެ ގޮތުގައި ހުރެފައި ޗެކް ރިޕަބްލިކްގެ ކުޅުންތެރިއަކު ބޯޅަ ހިފަހައިގެން ހުހަށް ދާން އުޅުމުން ބޯޅައިގައި އަތްލުމާ ގުޅިގެންނެވެ.

10 ކުޅުންތެރިންނާއެކު ކުޅުނު ނެދަލޭންޑްސް ކޮޅަށް ޗެކް ރިޕަބްލިކުން ޖެހި ފުރަތަމަ ގޯލު މެޗުގެ 68 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ހޯލްސްއެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ނެދަލޭންޑްސް ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. އަދި މެޗުގެ 80 ވަނަ މިނެޓްގައި ޕެޓްރިކް ޝިކް ވަނީ ޗެކް ރިޕަބްލިކްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް މުބާރާތުގެ ކުއާޓާ އިން ޖާގައެއް ކަށަވަރުކޮށްދީފައެވެ.

މުބާރާތުގެ ކުއާޓާގައި ޗެކް ރިޕަބްލިކް ބައްދަލުކުރާނީ ޑެންމާކްއާއެވެ.