Last Updated: July 22, 12:00
Wednesday, July 22, 2026
ކުޅިވަރު

ޔޫރޯ 2020: ޕޯޗުގަލް ރޮއްވާލުމަށްފަހު ބެލްޖިއަމް ކުއާޓާ އަށް

1-0 އިން ޕޯޗުގަލް ބަލިކުރުމަށްފަހު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާފައިނަލަށް ބެލްޖިއަމް ދަތުރުކޮށްފިއެވެ.

މިއީ 1989 ވަނަ އަހަރަށްފަހު ޕޯޗުގަލްގެ މައްޗަށް ބެލްޖިއަމް އިން ކުރި ހޯދި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ޕޯޗުގަލް އަކީ މި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ވެސް މެއެވެ.

ސްޕެއިންގެ ސެވިއްޔާގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ރަނގަޅު ފުރުސަތު ތަނަވަސްކުރީ ޕޯޗުގަލް އިންނެވެ. އެގޮތުން ރެނާޓޯ ސަންޗޭސް ދިން ޕާހަކުން ފުދޭވަރަކަށް ހުހަށް ހުރެ ޖޯޓާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.

މި ހަމަލާއަށްފަހު މާ ނުރައްކާތެރި ހަމަލާއެއް ޕޯޗުގަލް އަށް އުފެއްދިފައި ނުވާއިރު، ބެލްޖިއަމްގެ ތޯމަސް މުނިއޭ ވަނީ މެޗުގެ 37 ވަނަ މިނެޓްގައި ޕޯޗުގަލްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އެގޮތުން މުނިއޭ ފޮނުވާލި އެ ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރަށެވެ.

އެ ފުރުސަތުގެ ބޭނުން ނުހިފުނު ނަމަވެސް މެޗުގެ 42 ވަނަ މިނެޓްގައި ތޯގަން ހަޒާޑް ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ ބެލްޖިއަމް އަށް ލީޑު ނަގާދީފައެވެ. އެގޮތުން ތޯގަން މި ގޯލު ކާމިޔާބުކުރީ ޕޯޗުގަލްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

ދެވަނަ ހާފްގައި ބެލްޖިއަމް އިން ވަރަށް ބޮޑަށް ޑިފެންސިވްކޮށް ކުޅުނުއިރު، މި ހާފުގައި ޕޯޗުގަލް އިން ދިޔައީ ބެލްޖިއަމްގެ ގޯލަށް ނުރައްކާ ކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މެޗުގެ 82 ވަނަ މިނެޓްގައި ޕޯޗުގަލްގެ ޑިފެންޑަރު ރުބެން ޑިއާސް ބޮލުން ފޮނުވާލި ހަމަލާ ބެލްޖިއަމްގެ ކީޕަރު ކޯޓުއާ ދިފާއުކުރިއިރު، އޭގެ އިރުކޮޅެއްފަހުން ގުރޭރޯ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކައުންޓަ އެޓޭކުގައި ލީޑު ފުޅާކޮށްލަން ބެލްޖިއަމް އަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެޓީމަށް އެންމެ ރަނގަޅަށް ވަނީ ހިފޭގޮތް ނުވެފައެވެ.

މުބާރާތުގެ ކުއާޓާގައި ބެލްޖިއަމް ނިކުންނާނީ އިޓަލީއާ ދެކޮޅަށެވެ.