ސްވިޒަލޭންޑް ބަލިކުރުމަށް ފްރާންސްގެ އެންމެ މޮޅު ކުޅުން ދައްކަންޖެހޭނެ ކަމަށް އެޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕް ބުނެފިއެވެ.
އެންމެފަހުގެ ދުނިޔޭގެ ޗެމްޕިއަނުން ކަމަށްވާ ފްރާންސް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު އެއް މެޗުން މޮޅުވެ އަނެއް ދެ މެޗު އެއްވަރުކޮށްލައިގެންނެވެ. ސްވިޒަލޭންޑް ދެވަނަ ބުރަށް ދަތުރުކުރީ ތިންވަނަ އަށް ދިޔަ އެންމެ ގަދަ ހަތަރު ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ.
މިރޭގެ މެޗުގެކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ޑެޝޯމްޕް ބުނީ ސްވިޒަލޭންޑް ޓީމުގެ ފެންވަރާއި މެދު ކުޑަކޮށް ވެސް ޝައްކު އުފައްދައިގެން ނުވާނެ ކަމަށާއި މިއީ ނޮކައުޓް މެޗެއް ކަމުން ހުރިހާ ޓީމުގެ ފަރާތުން އެންމެ މޮޅު ކުޅުން މިރޭ ދައްކަންޖެހޭ ކަމަށެވެ.
އަދި ސްވިޒަލޭންޑް ޓީމަކީ ވަރަށް ރޭވުންތެރިކަމާއެކު ކުޅޭ ޓީމެއް ކަމަށާއި އެގޮތުން ސެފެރޮވިޗް އާއި އެމްބޯލޯ އަދި ޝަގީރީ މެންފަދަ ކުޅުންތެރިންނަކީ އެޓީމުގެ އެޓޭކުގައި މުހިއްމު ރޯލެއް އަދާކުރާ ކުޅުންތެރިން ކަމަށްވެސް ޑެޝޯމްޕް ބުންޏެވެ.
މިރޭގެ މެޗަށް ނިކުންނައިރު އަނިޔާގެ ބައެއް މައްސަލަތައް ފްރާންސަށް ވަނީ ދިމާވެފައެވެ. އެގޮތުން މިރޭގެ މެޗުގައި އެޓީމުގެ ދެ ޑިފެންޑަރުން ކަމަށްވާ ލޫކަސް ޑީނިއޭ އާއި ޖޫލްސް ކޫންޑޭ އަށް ނުކުޅެވޭނެއެވެ. އަދި އަނިޔާގެ ސަބަބުން މި މެޗުގައި ލޫކަސް ހަނާންޑޭޒަށް ކުޅެވޭނެ ކަމާމެދު ވެސް ވަނީ ސުވާލުތަކެއް އުފެދިފައެވެ.
މިއީ ބޮޑު މުބާރާތެއްގައި ފްރާންސް އާއި ސްވިޒަލޭންޑް ބައްދަލުކުރާ ފަސްވަނަ ފަހަރެވެ. މި ދެ ޓީމު އެންމެފަހުން ބައްދަލުކުރީ 2016 ވަނަ އަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖުގައި ކަމަށްވާއިރު، އެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.