Last Updated: June 27, 18:22
Saturday, June 27, 2026
ޚަބަރު

ކުޑަކުއްޖާ މަރާލި މައްސަލައިގެ ތަހުގީގު ބާރަށް އެބަ ކުރިއަށްދޭ: ޕީޖީ ޝަމީމް

ޕީޖީ ހުސައިން ޝަމީމް-- ފޮޓޯ: ސަން އޮންލައިން

އުމުރުން 13 އަހަރުގެ ކުޑަ ކުއްޖަކު މަރާލި މައްސަލައިގެ ތަހުގީގު ބާރަށް ކުރިއަށްދަމުން އަންނަކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމްގެ ބްލޮގްގައި ހިއްސާ ކުރެއްވި އޯޑިއޯ ޕޯސްޓުގައި ޝަމީމް ވިދާޅުވީ، އުމުރުން 13 އަހަރުގެ ކުއްޖަކު މަރާލާފައި އޮތް ވާހަކަ އަޑުއެހީ، ކުއްލި ހައިރާންކަމަކާއެކު ކަމަށެވެ. މިއީ ވަރަށް ނުރައްކާތެރި، ބިރުވެރި ކަމެއްކަމަށާއި، އަދި ފިޔަވަޅު އަޅަންޖެހޭ ކަމެކެވެ.

ޝަމީމް ވިދާޅުވީ މި މައްސަލައިގެ ތަހުގީގު ފުލުހުން ވަރަށް ބާރަށް ކުރިއަށް ގެންދަމުން އަންނަކަމަށެވެ. އަދި އިއްޔަ މިމައްސަލައިގައި ފުލުހުންގެ ތަހުގީގީ އޮފިސަރުންނާއި ޕީޖީގެ ޓީމެއް ބައްދަލުކުރިކަމަށާއި، އަދި ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކޮށްފައިވާކަމަށް ވިދާޅުވިއެވެ.

"ޕްރޮސިކިއުޓަރުންވަނީ މައްސަލައިގައި ކުރިއަށްދާނެގޮތާއި ބެހޭގޮތުންނާއި އަދި އިތުރު ހޯދަންޖެހޭކަމަށް ފެންނަ ކަންކަމާއި ބެހޭގޮތުން މަޝްވަރާކޮށްފަ." ޝަމީމް ވިދާޅުވިއެވެ.

މި މައްސަލައިގައި މިހާތަނަށް ނަގާފައިވާ ބަޔާންތައްވެސް ފުލުހުން ހިއްސާކުރި ކަމަށާއި، މައްސަލައިގެ ތަހުގީގު ބާރަށް ކުރިއަށް ދަމުން އަންނަކަމަށް ވިދާޅުވިއެެވެ.

މަރާލާފައި އޮތްވާ ފެނުނު އުމުރުން 13 އަހަރުގެ މުހައްމަދު ރާއިފްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މި ހަފްތާގައި ފޮނުވޭތޯ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ވަނީ އިއްޔަ ހާމަކޮށްފައެވެ.

13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް މި މަހުގެ 20 ވަނަ ދުވަހު ފުލުހުންގެ އިދާރާ އަށް ހުށަހަޅާފައިވާއިރު އެ މައްސަލައާ ގުޅިގެން އެ ކުއްޖާ ހޯދުމަށް ކުރެވުނު މަސައްކަތުން އެ ކުއްޖާ މަރާލާފައި އޮއްވާ ޖޫން 21 ވަނަ ދުވަހުގެ ރޭ 2:38 ހާއިރު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކުއްޖާ ފެނިފައިވަނީ ހުޅުމާލެ ފޭސް 2ގެ މޫދުން ފޮއްޓަކަށްލާފައި އޮށްވައެވެ.

މިމައްސަލައިގައި ފުލުހުން ވަނީ 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ އިބްރާހިމް ޒިހާން، ނ. ލަންދު ހައްޔަރުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިމައްސަލައިގައި ޝަރީއަތް ނިމެންދެން ޒިހާން ބަންދުކޮށްފައިވާއިރު އޭނާގެ މައްޗަށް ވަނީ ގަސްދުގައި މީހަކު މެރުން، މާރާމާރި ހިންގުން، ރަހީނު ކުރުން އަދި ކުޑަކުއްޖަކާ މެދު ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުކޮށްފައެވެ. މި މައްސަލައިގައި ޒިހާން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު 17 އަހަރުގެ ކުއްޖާ ވަނީ 15 ދުވަހަށް ބަންދުކޮށްފައެވެ.